އިނގިރޭސިވިލާތުގެ އިންފްލޭޝަން ރޭޓް މައްޗަށް

އިންފްލޭޝަން ރޭޓް މަތިވީ ދަތުރުފަތުރުގެ ހަރަދުތަކާއި، ކޮމްޕިއުޓާ ގޭމްގެ އަގު އުފުލުމުން -- ފޮޓޯ: ގެޓީ އިމޭޖަސް

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމަށް ފަހު، އިނގިރޭސިވިލާތުގެ އިންފްލޭޝަން ރޭޓް މަތިވެއްޖެ އެވެ.

އިނގިރޭސިވިލާތުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖުލައި މަސް ނިމުނު އިރު، އިންފްލޭޝަން ރޭޓް ވަނީ 2.4 ޕަސެންޓުން 2.5 ޕަސެންޓަށް އުފުލިފަ އެވެ.

އިންފްލޭޝަން ރޭޓް މަތިވުމުގެ މައިގަނޑު ސަބަބުތަކަކީ، ދަތުރުފަތުރުގެ ހަރަދުތަކާއި، ކޮމްޕިއުޓާ ގޭމްގެ އަގު އުފުލުން ކަމަށް އެ ގައުމުން ބުނެ އެވެ. ނަމަވެސް އަންނައުނުގެ އަގު ހެޔޮވުމުން، އިންފްލޭޝަން ރޭޓް މަތިވި މިންވަރު ވަރަށް ބޮޑަށް ވަނީ ކޮންޓްރޯލް ކުރެވިފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިންފްލޭޝަން ރޭޓް އުފުލުނު އިރު، މީހުންނަށް އާމްދަނީ ލިބުނު މިންވަރު ވަނީ އެއަށްވުރެ ބޮޑަށް އުފުލިފަ އެވެ. އެހެންކަމުން، އިންފްލޭޝަން ރޭޓް މަތިވުމުން، އެއްޗެހީގެ އަގު ކޮންމެވެސް ވަރަކަށް އުފުލުނު ނަމަވެސް އާންމުންނަށް އެކަން އެހާ ބޮޑަށް އިހުސާސް ނުވާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ޖޫން މަހު ނިމުނު މި އަހަރުގެ ދެ ވަނަ ކުއާޓަރުގެ ތެރޭގައި އިނގިރޭސީންގެ އާމްދަނީ ވަނީ 2.7 ޕަސެންޓް އިތުރުވެފަ އެވެ. މާނައަކީ ބޯނަސް އާއި މުސާރަ ނުވަތަ އެހެނިހެން ގޮތްގޮތުން އާންމުންގެ ތެރެއިން ގިނަ ބަޔަކަށް ލިބުނު އާމްދަނީ އިތުރުވެގެން ގޮސްފައިވާ ކަމެވެ.

comment ކޮމެންޓް