ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ރައީސް ޔާމީން ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ދިޔަމިގިލީ ރައްޔިތުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ތ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މާލެ ވަޑައިގެންފިއެވެ.

ރައީސް ޔާމީން ތ. އަތޮޅަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހުއެވެ. އެންމެ ފުރަތަމަ ރައީސް ވަޑައިގަތީ ތ. ތިމަރަފުއްޓަށެވެ. އެ ރަށަށް ވަޑައިގެން، ސަރުކާރުން ގާއިމުކޮށްފައިވާ ފެނުގެ ނިޒާމު ރައީސް އިފްތިތާހްކޮށްދެއްވިއެވެ.

ރައީސްގެ ދަތުރުފުޅުގައި ތ. ވޭމަންޑޫއާއި ކަނޑޫދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމާއި ތ. ވިލުފުށި މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވިއެވެ. މީގެ އިތުރުން ތ. ބުރުންޏާއި ދިޔަމިގިއްޔާއި މަޑިފުށީގެ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވިއެވެ.

ފަހު ރަށެއްގެ ގޮތުގައި މިއަދު މެންދުރު ރައީސް ވަޑައިގަތީ ތ. މަޑިފުއްޓަށެވެ. އެ ރަށަށް ވަޑައިގެން ބިންހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރެއްވުމާއި، އެ ރަށުގައި ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ އިތުރުން ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވިއެވެ.

comment ކޮމެންޓް