މަޝްރޫއުތައް ލަސްވުމުން އިދިކޮޅުގެ ބޮލުގައި ނޭޅުވޭނެ: މާރިޔާ

އިބޫގެ ތަރުޖަމާނު މާރިޔާ މިއަދު ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ވަގުތަށް ނުނިމި ލަސްވުމުގެ ޒިންމާ އިދިކޮޅު ފަރާތްތަކުގެ ބޮލުގައި ނޭޅުވޭނެ ކަމަށް އިދިކޮޅު ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މާރިޔާ އެހެން ވިދާޅުވެފައި އެ ވަނީ ކުޅުދުއްފުށީގެ އެއާޕޯޓްގެ މަސައްކަތް ލަސްވީ އިދިކޮޅު ފަރާތްތަކުން އެކަމަށް ދެކޮޅު ހެދުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ.

https://sun.mv/109409

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ ރައީސް ޔާމިން ކަންކަން ކުރައްވަނީ އިދިކޮޅު ފަރާތްތަކަށް ހުރަސް އެޅޭނެ ގޮތަކަށް ނޫން ކަމަށާއި އެކަން އެމަނިކުފާނުގެ އަމަލުން ފެނިވަޑައިގަންނަވާނެ ކަމަށެވެ.

"ކުޅުދުއްފުށީގައި ވެސް އެއާޕޯޓެއް ނާޅާ. އެ ވާހަކަ އަޅުގަނޑުމެން ދެއްކީމާ މި ވިދާޅު ވަނީ އިދިކޮޅު ފަރާތްތަކުން ހުރަސް އަޅަނީއޭ. ކޮން ހުރަހެއްތޯ އަޅުގަނޑުމެނަށް އެޅޭނީ،" މާރިޔާ ވިދާޅުވި އެވެ.

"އެ ވިދާޅުވާ ހުރަސް އިދިކޮޅު މީހުނަށް އެޅޭނެ ގޮތަކަށް ނޫން ރައީސް ޔާމީން ކަން ކުރައްވަނީކީއެއް،"

ސިނަމާލެ ބްރިޖު ހުޅުވަން ކަނޑައެޅި ތާރީހަށް ހުޅުވިފައިނުވާ ކަން މާރިޔާ ފާހަގަ ކުރެއްވި އެވެ. އެގޮތުން ޖުލައި މަހުގެ 26 ވަނަ ދުވަހު ބްރިޖު ހުޅުވާނެކަން އިއުލާން ކުރި ނަމަވެސް އެ މަޝްރޫއު ލަސް ވަމުންދާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"އަމިއްލަ ވެހިކަލަށް އަރައިގެން ބްރިޖުމަތީގައި ޓޮލްއެއް ނުވަތަ ބްރިޖަށް އެ ދައްކަން ޖެހޭ އަދަދު ކަމަށް އެ ބޭފުޅުން އެ ވިދާޅުވާ އެއްޗެއް ވެސް އަޅުގަނޑުމެން އޮޅުން ފިލުވާލަން ބޭނުންވޭ މިހާ ހިސާބަށް ދިޔަ އިރު. ގައިމު ވެސް ޖުލައި 26 ނިމިގެން ހިނގައްޖެ އެ ވިދާޅުވި ތަރައްގީގެ ބޮޑު ޕްރޮޖެކްޓޭ ވިދާޅުވި ބްރިޖް ވެސް ހުޅިވިތަން ނުފެނިގެން މި އުޅެނީ،" މާރިޔާ ވިދާޅުވި އެވެ.

އެކަމަށް މީގެ ކުރިން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްދު ދެއްވައިފަ އެވެ. އެގްރިމަންޓްގައިވާ ގޮތުން ބްރިޖްގެ މަސައްކަތް ނިންމަން ޖެހެނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހަށް ނަމަވެސް އެ މަސައްކަތް ކުރާ ކުންފުނިން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކަނޑައެޅިފައިވާ ދުވަހަށް ވުރެ އަވަހަށް މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ޖުލައި 26 ވަނަ ދުވަހަށް ބްރިޖް ހުޅުވަން މަސައްކަތް ކުރީ އެ މަސައްކަތް ކުރާ ކުންފުނިން ކަމަށާއި ހައުސިން މިނިސްޓްރީން އެ ދުވަހު ބްރިޖް ހުޅުވާނެ ކަމަށް ވިދާޅުވެފައި ނުވާ ކަމަށް ވެސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

https://sun.mv/107608

މި މަސް ނިމުމުގެ ކުރިން ސިނަ މާލެ ބްރިޖު ހުޅުވާނެ ކަމަށް ޖުލައި މަހުގެ ކުރީ ކޮޅު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް