އިންޑިއާއިން 2022 ގައި އިންސާނުން ޖައްވަށް ފޮނުވަނީ

މިއަދު ފާހަގަކުރާ އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގައުމާ މުހާތަބުކުރައްވަނީ-- ފޮޓޯ: ހިންދޫ

ދިއްލީ (އޮގަސްޓު 15): އިންޑިއާއިން 2022 ގައި އިންސާނުން ޖައްވަށް ފޮނުވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ 71 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު މޯދީ ވަނީ، އިންޑިއާ ވާނީ ރަޝިއާއާއި އެމެރިކާއާއި ޗައިނާއަށް ފަހު އިންސާނުން ޖައްވަށް ފޮނުވާ ފުރަތަމަ ގައުމަށް ކަމަށް ވިދާޅުވެފައިއެވެ. އަދި އެ މިޝަނުގައި ޖައްވަށްދާ އެސްޓްރޮނޯޓަކީ އަންހެނަކަށް ނުވަތަ ފިރިހެނަކަށްވެސް ވެދާނެ ކަމަށް ވިދާޅުވެފައިއެވެ.

"އިންޑިއާއިން 2022 ވަނަ އަހަރު 75 ވަނަ މިނިވަން ދުވަސް ފާހަގަކުރާ އިރު، ނުވަތަ އޭގެ ކުރިންވެސް، އިންޑިއާގެ ފިރިހެން ނުވަތަ އަންހެން ދަރިއަކު މިގައުމުގެ ދިދައާއެކު ޖައްވަށް ދާނެ،" މޯދީ ވިދާޅުވިއެވެ.

އިންޑިއާގެ ސްޕޭސް ޕްރޮގްރާމުގެ ދަށުން އެ ގައުމުން ވަނީ ގިނަ އަދަދެއްގެ ސެޓެލައިޓު ޖައްވަށް ފޮނުވާފައެވެ. އަދި 2014 ވަނަ އަހަރު އެގައުމުން ވަނީ މާސްއަށްވެސް ސެޓެލައިޓެއް ފޮނުވާފައެވެ.

އިންޑިއާގެ ހިއުމަން ސްޕޭސް ފްލައިޓް (އެޗްއެސްޕީ) ޕްރޮގްރާމްގެ ދަށުށް އިންސާނުން ޖައްވަށް ފޮނުވަން ފުރަތަމަ ހުށަހެޅީ 2004 ގައިއެވެ. އަދި އެ މިޝަން ފެށުމުގެ ކުރިން ކުރަންޖެހޭ ކަންތައްތަކަށް ހަރަދު ކުރުމަށް އިންޑިއާ ސަރުކާރުން ވަނީ 145 ކުރޯޑު ރުޕީސް (20,607,400 ޑޮލަރު) ކަނޑައަޅާފައެވެ.

ބޮޑުވަޒީރު މޯދީ ވަނީ ފާއިތުވި ހަތަރު އަހަރު ތެރޭގައި އެ ސަރުކާރުން ގައުމުގެ އިގުތިސާދު އިސްލާހުކޮށް، ފަގީރުކަމާއި ކޮރަޕްޝަން ކުޑަކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

އިނގިރޭސިންގެ އަތް ދަށުން އިންޑިއާ މިނިވަންވެފައި ވަނީ 1947 ވަނަ އަހަރުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް