ނިއުމޯނިއާއަށް ފަރުވާ ދިނުމަށް ފަހު ރޮނާލްޑޯ ނަޒާރިއޯ ހޮސްޕިޓަލުން ދޫކޮށްލައިފި

ރޮނާލްޑޯ ނަޒާރިއޯ ވަނީ ބްރެޒިލްގެ ގައުމީޓީމާ އެކު 2002 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައި-- ފޮޓޯ:

ބްރެޒިލްގެ ގައުމީ ފުޓުބޯޅަ ޓީމުގެ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯއަށް ނިއުމޯނިއާ ޖެހުމުން، އެކަމަށް ފަރުވާ ދިނުމަށް ފަހު އޭނާ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯއަށް ނިއުމޯނިއާ ޖެހުމުން އިބީޒާގެ ސޭން މިސެސް ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)ގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައި ވަނީ ހުކުރު ދުވަހު މެންދުރުގެ ވަގުތެއްގަ އެވެ. އެހެން ނަމަވެސް ރޮނާލްޑޯގެ އެދުމުގެ މަތިން އޭނާ ޕްރައިވެޓް ހޮސްޕިޓަލެއް ކަމަށްވާ ކްލިިނިކާ ނުއެސްޓްރާ ސެނޯރާ ޑެލް ރޮސާރިއޯ އަށް ފަހުން ވަނީ ބަދަލުކޮށްފަ އެވެ.

އިއްޔެ ކުރި ޓްވީޓެއްގައި ރޮނާލްޑޯ ވަނީ އޭނާ ހޮސްޕިޓަލުން ދޫކޮށްލިކަން ހާމަކޮށްފަ އެވެ. އޭނާ ވަނީ އޭނާއަށް ފަރުވާދިން ޑޮކްޓަރުންނަށާއި ނަރުހުންނަށް އެ ޓްވީޓުގައި ޝުކުރު އަދާކޮށްފަ އެވެ.

ފުއްޕާމޭ ދުޅަވާ ބައްޔެއް ކަމަށްވާ ނިއުމޯނިއާ ރޮނާލްޑޯއަށް ޖެހުނު ހަބަރާ އެކު އޭނާގެ ސަޕޯޓަރުންނަށް ވަނީ ކުއްލި ހައިރާންކަމެއް ލިބިގެންގޮސްފަ އެވެ. ފުޓުބޯޅަ ކުޅުންތެރިންނާއި އޭނާގެ ސަޕޯޓަރުން ވަނީ އޭނާއަށް އަަވަސް ޝިފާއަކަށް އެދި މީސް މީޑިއާގައި ޝުއޫރު ފާޅުކޮށްފަ އެވެ.

ރޮނާލްޑޯ އަކީ ބްރެޒިލް ގައުމީ ޓީމަށް 98 މެޗުން 62 ގޯލް ޖަހައިދިން ކުޅުންތެރިއެކެވެ. ބްރެޒިލްގެ ގައުމީ ޓީމާ އެކު އޭނާ ވަނީ 1994 ވަނަ އަހަރު އަދި 2002 ވަނަ އަހަރު ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

ރޮނާލްޑޯގެ ކްލަބް ކެރިއަރުގައި އިންޓަ މިލާން ބާސެލޯނާ، ރެއާލް މެޑްރިޑް އަދި އޭސީ މިލާނަށް ކުޅެފަ އެވެ.

comment ކޮމެންޓް