އެމެރިކާ އަނެއްކާވެސް ތުރުކީއާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅަނީ

ވައިޓްހައުސް (އޮގަސްޓް 15) : ތުރުކީން ހައްޔަރުކޮށްފައިވާ އެމެރިކާގެ ފާދިރީ ދޫކޮށްލުމަށް ތުރުކީ ސަރުކާރުން ދެކޮޅު ހަދާތީ އެގައުމާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އެމެރިކާއިން ދީފިއެވެ.

ވައިޓް ހައުސްގެ މަސްއޫލުވެރިއަކު ވިދާޅުވީ ފާދިރީގެ މައްސަލާގައި އެމެރިކާ އޮތީ ތުރުކީއަށް ދޫދޭގޮތަށް ނޫންކަމަށާ ތުރުކީއަށް އޮތީ ފާދިރީ އެންޑްރޫ ބްރާންސޮން މިނިވަންކުރުން ކަމުގައެވެ. މިމައްސަލާގައި އެމެރިކާ އޮތީ ތުރުކީ އާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅައިގެން ފިއްތުންތައް ކުރިމަތިކުރާގޮތަށް ކަމަށް އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

ތުރުކީން އޭނާ ހައްޔަރުކޮށްފައިވަނީ 2016 ވަނަ އަހަރު އެގައުމަށް ގެންނަން މަސައްކަތްކުރި ބަޣާވާތަށް އެހީތެރިވިކަމުގެ ތުހުމަތުގައެވެ.

މި މައްސަލާގައި ތުރުކީގެ ދައުލަތުން ވަނީ އޭނާގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުވެސް ކޮށްފައެވެ. އަދި ތުރުކީ ސަރުކާރުން ވަނީ ބްރާންސޮންގެ މައްސަލަ އޮތީ ޝަރުއީ މަރުހަލާގައި ކަމަށްވާތީ އޭނާ ދޫނުކުރެވޭނެކަން އެމެރިކާއަށް ރަސްމީގޮތުން އަންގާފައެވެ. މިއާއެކު އެމެރިކާ ވަނީ ތުރުކީގެ ދެ ވަޒީރަކާ ދެކޮޅަށް އިގްތިސާދީ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި އެމެރިކާއަށް އެތެރެކުރާ ތުރުކީގެ ބައެއް އުފެއްދުންތަކުން ޓެރިފް ބޮޑުކުރަންވެސް ނިންމާފައެވެ.

https://sun.mv/109428

އެކަމަށް ރައްދުދިނުމުގެ ގޮތުން އެމެރިކާގެ ބައެއް އުފެއްދުންތައް ބޮއިކަޓް ކުރަން ނިންމިކަން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިއްޔެ ވަނީ އިއްލާން ކުރައްވާފައެވެ.

ވައިޓްހައުސްގެ މަސްއޫލުވެރިއަކު ވިދާޅުވީ ފާދިރީގެ މައްސަލާގައި އެމެރިކާ އޮތީ ތުރުކީއަށް ދޫދޭގޮތަށް ނޫންކަމާއި އޭނާ މިނިވަން ނުކޮށްފިނަމަ ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާނެކަން އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ޖޯން ބޯލްޓަން، ވޮޝިންޓަންގައި ހުންނަވާ ތުރުކީގެ ސަފީރާ ބައްދަލުކުރައްވައި އެންގެވި ކަމަށެވެ.

އަނެއްކޮޅުން ވައިޓްހައުސްގެ ތަރުޖަމާން ވިދާޅުވީ އެމެރިކާގެ ފާދިރީ މިނިވަންކުރުމަށް ތުރުކީ ދެކޮޅު ހަދާ މައްސަލާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވީ ވަރަށް ކޯފާވެވަޑައިގެން ކަމަށެވެ. ވައިޓްހައުސްގެ ތަރުޖަމާނު ސާރާ ސެންޑާސް ވިދާޅުވީ ޓްރަމްޕް ހުންނެވީ ކޮންމެ ގޮތެއްގައިވެސް އެމެރިކާގެ ފާދިރީ މިނިވަންކުރުން ނޫންގޮތެއް ގަބޫލުނުކުރައްވާ ގޮތަށެވެ. އަދި މިމައްސަލާގައި ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމާމެދު ޓްރަމްޕް ވިސްނާ ވަޑައިގަންނަވާކަންވެސް ސެންޑާސް ހާމަކުރެއްވިއެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް