ފްރެންޑްލީއެއްގައި ގައުމީ ޓީމު ގަތަރުގެ ކްލަބެއްގެ މައްޗަށް ކުރި ހޯދައިފި

ރޭ ގައުމީ ޓީމު އަލް މަރްޚިޔާާ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން--

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގެ ކްލަބަކާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަކުން ރާއްޖޭގެ ގައުމީ ޓީމު މޮޅުވެއްޖެއެވެ.

ރޭ ގަތަރުގައި އެ ގައުމުގެ ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ އަލް މަރްޚިޔާާ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުން ގައުމީ ޓީމު މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ރާއްޖެއަށް ގޯލު ޖަހައިދިނީ ހަމްޒާ މުހައްމަދު، މުހައްމަދު އާރިފް (ބަކާ) އަދި ހަސަން ނާއިޒް (ދާދު)އެވެ. އޭގެ ތެރެއިން ދާދު ވަނީ މެޗުގައި ދެ ގޯލު ކާމިޔާބުކޮށްފައެވެ.

އަންނަ ސެޕްޓެމްބަރު ހަތަރަކުން 15 އަށް ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމު މިހާރު ދަނީ ގަތަރުގައި ކޭމްޕްކުރަމުންނެވެ. ގަތަރުގައި ގައުމީ ޓީމުން އަދިވެސް އިތުރު ރަހުމަތްތެރިކަމުގެ މެޗުތައް ކުޅޭނެއެވެ.

ރޭ ގައުމީ ޓީމު އަލް މަރްޚިޔާާ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކުުރީ ބަކާ--

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ހިމެނެނީ ޖުމްލަ ހަތް ޓީމެވެ. ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ރާއްޖެ ހިމެނެނީ މުބާރާތުގެ ގްރޫޕް ބީގައެވެ. ރާއްޖެއާ އެކު ގްރޫޕްގައި ހިމެނެނީ ލަންކާ އަދި އިންޑިއާއެވެ.

ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝާއި ނޭޕާލްގެ އިތުރުން ބޫޓާން އަދި ޕާކިސްތާނެވެ.

ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް އެންމެ ކާމިޔާބު ޓީމަކީ އިންޑިއާއެވެ. އެ ޓީމު ވަނީ ހަތް ފަހަރެއްގެ މަތިން މުބާރާތުގެ ތަށި އުފުލާލައިފައެވެ.

comment ކޮމެންޓް