މިފަހަރުވެސް ރާއްޖޭގައި އޮންނާނީ މިނިވަން އިންސާފުވެރި އިންތިހާބެއް: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ---

ރާއްޖޭގައި ކުރިންވެސް ބާއްވައިފައިވާ އިންތިހާބްތަކޭ އެއްފަދައިން މިފަހަރުވެސް ރާއްޖޭގައި އޮންނާނީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި އަންނަ މަހު ބާއްވާ އިންތިހާބް ކުޑަތަންވަމުން އަންނަ އިރު ބައިނަލްއަގުވާމީ ޖަމާއަތްތަކުން އިންތިހާބާމެދު ކަންބޮޑުވުންތައް ފާޅުކުރަމުންދާކަން އެނގޭކަމަށެވެ.

"ރާއްޖޭގައި އިންތިހާބް އަންނަ މަހު އޮންނާނެ. އިލެކްޝަން ކެމްޕޭންތައް ދަނީ އޮމާންކަމާއެކު. އަދި ރާއްޖޭގެ ސަރުކާރުން ދަނީ އިލެކްޝަން ކޮމިޝަނާ ގުޅިގެން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް މަސައްކަތް ކުރަމުން." ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ރާއްޖޭގައި ޑިމްކްރެޓިކް ވެެއްޓެއް ގާއިމްކޮށް ގިނަ ޕާޓީތަކަކަށް ވާދަކުރެވޭ ގޮތަށް 2008 އަށް ވަނަ އަހަރުގެ ފަހުން ބޭއްވި ހުރިހާ އިންތިހާބްތަކަކީވެސް މިނިވަން އިންތިހާބްތަކެއް ކަމަށް ރާއްޖެއާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުންވެސް އިއްތުފާގްވާކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބް މޮނީޓާކުރުމަށް ރާއްޖޭގެ ތަރައްގީގައި މުހިންމު ދައުރުތައް އަދާކުރުމަށް ދައުވަތު އަރުވައިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެހެންކަމުން ކުރިންވެސް ބާއްވައިފައިވާ އިންތިހާބްތަކޭ އެއްފަދައިން މިފަހަރުވެސް ރާއްޖޭގައި އިންސާފުވެރި އިންތިހާބެއް ނުބޭއްވެންވީ ސަބަބެއް ނެތް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި އިންސާފުވެރި މިނިވަން އިންތިހާބެއް ބޭއްވުމަށް ރާއްޖެއާ ރަހުމަތްތެރި ގައުމުކުގެ އެއްބާރުލުން ދިވެހި ސަރުކާރަށް ވަރަށް މުހިންމު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް