ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ނޫސްވެރިކަމުގެ އެވޯޑު ހަފްލާ 2017 ގައި ސަންގެ ނޫސްވެރިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ނޫސްވެރިކަމުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫޫސްވެރިކަމުގެ އެވޯޑަށް ނަން ހުށަހެޅުމުުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މިއަހަރުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 10 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެވޯޑަށް ކުރިމަތިލެވޭނީ އެކަމަށް ޚާއްސަ ފޯމުންނެވެ

މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް ނުވަ ދާއިރާއަކުން އެވޯޑު ދިނުމަށް ދޭން ނިންމާފައިވެއެވެ. މި ދާއިރާތަކަކީ

  • އިޖުތިމާއީ ދާއިރާ
  • ސިޔާސީ ދާއިރާ،
  • ޝަރުއީ އަދި ޤާނޫނީ ދާއިރާ،
  • ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ،
  • ކުޅިވަރުގެ ދާއިރާ،
  • ފޮޓޯ ޖާނަލިޒަމްގެ ދާއިރާ،
  • ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ،
  • ފީޗަރ ލިޔުމުގެ ދާއިރާ

ދާއިރާތަކުގެ އިތުރުން ނޫސްވެރިކަމުގެ ޚާއްސަ ދެ އެވޯޑެއްވެސް ދެއެވެ. އެއީ އުންމީދީ ނޫސްވެރިޔާގެ އެވޯޑާއި، ލައިފްޓައިމް އެޗީވްމަންޓް އެވޯޑެވެ.

https://sun.mv/95587

އުންމީދީ ނޫސްވެރިޔާގެ އެވޯޑު ދޭނީ ނޫސްވެރިކަމުގެ ދާއިރާގައި ތިން އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކޮށްފައި ނުވާ، 18 އަހަރާއި 30 އަހަރާ ދެމެދުގެ ނޫސްވެރިއަކަށެވެ. މި އެވޯޑަށް ނޫސްވެރިން ނޮމިނޭޓުކުރާނީ ނޫސްވެރިޔާ މަސައްކަތްކުރާ މީޑިއާ އިދާރާއިންނެވެ.

މީގެ އިތުރުން ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑަކީ ނޫސްވެރިކަމަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅަކަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އިނާމެކެވެ. މިދިޔަ އަހަރު އެ އެވޯޑު ލިބިވަޑައިގެންނެވީ އާފަތިސް ނޫހުގެ މަސްއޫލުވެރިޔާ އައްބާސް އިބްރާހީމަށެވެ.

މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑު ހޯދާފައިވަނީ ސަން އޮންލައިންގެ އިތުރުން މިހާރު އޮންލައިން، އަވަސް އޮންލައިން އަދި ވީ މީޑިއާގެ ނޫސްވެރިންނެވެ.

އެގޮތުން، އެންމެ މޮޅު ފޮޓޯގްރާފަރުކަން ސަންގެ ފޮޓޯގްރާފަރު ފަޔާޒު މޫސާއަށް ލިބުނު އިރު، ވިޔަފާރިއާއި އިގްތިދާސީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު ހާސިލުކުރީ ސަން އޮންލައިންގެ ނޫސްވެރިޔާ އިބްރާހިމް މާހިލް މުހައްމަދެވެ.

މިދިޔަ އަހަރުގެ އުންމީދީ ނޫސްވެރިޔާގެ އެވޯޑު ލިބުނީ އަވަސް އޮންލައިންގެ މޫސާ ރަޝީދަށެވެ. އަދި މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފީޗާ ލިޔުމުގެ ކެޓަގަރީން އެވޯޑު ލިބުނީ މިހާރު ނޫހުގެ ނިއުމަތުﷲ އިދުރީސްއަށެވެ.

comment ކޮމެންޓް