ތަރައްގީ ގެނައުމުގައި އިބޫއަށް ރައީސް ޔާމީނާ ވާދަ ނުކުރެވޭނެ: މުއިއްޒު

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު-- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އިދިކޮޅު އިއްތިހާދުން ރިޔާސީ އިންތިހާބަށް ނެރެފައިވާ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް، ރާއްޖެއަށް ތަރައްގީ ގެނައުމުގައި ރައިސް ޔާމިންއާ ވާދަ ނުކުރެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ މިއަދު ރައީސް ޔާމީން ތ. ވިލުފުއްޓަށް ވަޑައިގެންނެވުމުން އެރަށުގެ މަގު ހެދުމުގެ މަޝްރޫއުގެ ނިންމުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ތަރައްގީއާ ވާދަ ކުރުމަަކަށް އެމްޑީޕީއަކަށް، އެމްޑީޕީގެ ކޯލިޝަނަކަށް، އިދިކޮޅު ކެންޑިޑޭޓަކަށް ދެއްކޭނެ އެއްވެސް ވާހަކައެއް ނެތް. ރައީސް ޔާމީނާ އެކަމުގައި ވާދައެއް ނުކުރެވޭނެ." މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކެމްޕެއިން ދަތުފުޅުތަކުގައި އިބޫ، ރައީސް ޔާމީން ފެއްޓެެވި މަޝްރޫއުތައް ނިންމަވާނެ ކަމަށް ވިދާޅުވަމުން ގެންދަވަނީވެސް އެ ސަބަބަށްޓަކައި ކަމަށެވެ.

އެމްޑީޕީއަށް ތަރައްގީ ގެނައުމުގެ ފުރުސަތު ރައްޔިތުން ދިން ނަމަވެސް، ތަަރައްގީ ނުގެނެވުނު ކަމަށް މިއަދު މުއިއްޒު ވިދާޅުވިއެވެ. އެމްޑީޕީއަށް ތަރައްގީ ނުގެނެވުނުކަން ސާބިތުކޮށްދެއްވުމަށް މުއިއްޒު ފާހަގަކުރެއްވީ އޭރުގެ ސަރުކާރުން މަގު ހެދުމަށް ކުރި ހަރަދުތަކެވެ.

އެގޮތުން އެމްޑީޕީގެ ދައުރުގައި ކުރިއަށް ގެންގޮސްފައި ވަނީ މަގު ހެދުމުގެ އެންމެ ދެ މަޝްރޫއު ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި މިހާތަނަށް މަގު ހެދުމުގެ 14 މަޝްރޫއު ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި އެމްޑީޕީގެ ވެރިކަމުގައި 10 ކިލޯމީޓަރުގެ މަގު ހެދިގެން ދިޔަ އިރު ރައީސް ޔާމީންގެ ސަރުކާރުގައި މިހާތަނަށް 62 ކިލޯމީޓަރުގެ މަގު ހަދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގައި މަގު ހެދުމަށް 190 މިލިއަން ރުފިޔާ ހަރަދު ކުރި އިރު މި ސަރުކާރުގައި 900 މިލިއަން ރުފިޔާ އެކަމަށް ހަރަދުކޮށްފައިވާކަން ވެސް މުއިއްޒު ވަނީ ފާހަގަކުރައްވައިފައެވެ.

މިހާރު ވެސް މަގު ހެދުމުގެ 10 މަޝްރޫއު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާކަމަށާއި އެއީ އަދި އިތުރު 30 ކިލޯމީޓަރު ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ މަގުތައް ނިމުމާއެކު ރައީސް ޔާމީން ވެރިކަމުގައި 1،300 މިލިޔަން (ނުވަތަ 1.3 ބިލިޔަނ)ް ރުފިޔާ ހަރަދުކޮށްގެން އެޅި މަގުތަކުގެ ޖުމްލަ ދިގުމިން 90 ކިލޯމީޓަރަށް އަރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ދިވެހިންނަށް އެންމެ މުހިންމު ކަންތައްތަކަކީ ދީނާއި މިނިވަންކަމާއި އިސްތިގުލާލު ކަމަށެވެ. އަދި އެކަންތައް ވަނީ ސެޕްޓެމްބަރު 23 ގެ ވޯޓާ ގުޅިފައި ކަމަށާއި އެކަންތައް ދަމަހައްޓާނެކަން ޔަގީންކޮށްދެއްވަނީ ރައީސް ޔާމީން ކަމަށް އޭނާ މިއަދު ވިދާޅުވިއެވެ.

comment ކޮމެންޓް