ނޯރާގެ "ދިލް ބަރް" ގިނަ ބަޔަކަށް ކަމުގޮސްފި

ދިލް ބަރް ދިލް ބަރް----

ބަތަލާ ނޯރާ ފަތެހެއި ހިމަނައިގެން ފިލްމު "ސަތުޔަމޭވަ ޖަޔަތޭ" އަށް ހަދާފައިވާ "ސިރްފް ތުމް"ގެ ހިޓް ލަވަ "ދިލް ބަރް ދިލް ބަރް"ގެ ރީމޭކް ގިނަ ބަޔަކަށް ކަމުގޮސްފި އެވެ.

އެކި "މީމްސް"ގައި ވެސް އެ ލަވައިގެ ތަންތަންކޮޅު ވަނީ ހިމަނައިފަ އެވެ. ބޮލީވުޑްގެ ފަންނާނުންގެ އިތުރުން އާންމުންނަށް ވެސް ލަވަ ވަނީ ކަމުގޮސްފަ އެވެ.

ޔޫޓިއުބްގައި އެލަވަ ރިލީޒްކުރިތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވީ ނަމަވެސް އެ ލަވައަށް ލިބެމުންދާ ތަރުހީބަށް ކުޑަވެސް ބަދަލެއް ނާދެ އެވެ.

ނަވާރަސަތޭކަ ނުވަދިހަ ނުވައެއްގައި ރިލީޒްކުރި އެ ލަވައިގައި ހަރަކާތްތެރިވެފައި ވަނީ މިސް އިންޑިއާ އަދި މިސް ޔުނިވާސް ވެސް ކާމިޔާބު ކުރި ސުޝްމީތާ ސެން އެވެ.

ސުޝްމީތާ ބޭރުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ ރީތި ސްޓައިލް އަކަށް ނޯރާ ލަވަ ގެނެސްދީފި ކަމަށާއި ލަވަ ވަރަށް ކަމުގޮސްފި ކަމަށެވެ.

ސުޝްމީތާގެ ފަރި ހަރަކާތްތަކެއް ފެނިގެންދާ އެ ލަވައިގެ ރީމޭކެއް ވަނީ ޖޯން އަބްރަހަމްގެ ކުރިއަށް އޮތް ފިލްމު"ސަތުޔަމޭވަ ޖަޔަތޭ"ގައި ހިމަނައިފަ އެވެ.

އެ ލަވައަށް ސަތޭކަ ފަސްދޮޅަސް ފަސް މިލިއަން ވިއުސް ވަނީ ލިބިފަ އެވެ.

"ދިލް ބަރް"ގެ ރީމޭކް ކިޔާދީފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރު އެވެ. އެ ލަވައިގެ ކުރީގެ ވާޝަން ކިޔަދީފައިވަނީ އަލްކާ ޔަގްނިކް އެވެ.

comment ކޮމެންޓް