އެވިޑް ކޮލެޖާއި ލަންޑަން އެގްޒެމިނޭޝަން ބޯޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގިނަ ދިވެހި ދަރިވަރުން ކިޔަވަމުންދާ ޕްރައިވެޓް ކޮލެޖް އެވިޑް ކޮލެޖުން ފޯރުކޮށްދެމުން އަންނަ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ލަންޑަން އެގްޒެމިނޭޝަން ބޯޑުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބީ ހައިވް ހޮޓެލްގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެވިޑް ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. އަބްދުﷲ ރަޝީދެވެ. އަދި ލަންޑަން އެގްޒާމިނޭޝަން ބޯޑުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ކޮލިން ފީލިކްސް ޕެރޭރާއެވެ.

ސޮއިކުރުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ވައިސް ރެކްޓަރ ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ކޮލެޖުން މިހާރު ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކަށް ވުރެ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.

އެވިޑް ކޮލެޖްގެ ވައިސް ރެކްޓަރ ޑރ.އަބްދުﷲ ރަޝީދު ނޫސްވެރިންނާ މައުލޫމާތު ދެނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ދުވަހަކަށްވުރެ ދުވަހެއް ފެންވަރު ރަނގަޅުކުރަމުން މިދަނީ. މިދިޔަ އަހަރު އިންޓާނަލް އޮޑިޓް ޑިޕާޓްމެންޓެއް ވެސް ގާއިމުކުރެވުނު. އެވިޑް ކޮލެޖުން ފޯރުކޮށްދޭ ސަނަދު ކޮމަންވެލްތްގައި ހިމެނޭ ގައުމުތަކުގެ އިތުރުން އެހެން ގައުމުތަކުން ފަސޭހަކަމާއެކު ބަލައިގަންނަ ސަނަދަކަށް ވެގެންދާނެ،"

ލަންޑަން އެގްޒާމިނޭޝަން ބޯޑުގެ ސީއީއޯ ވިދާޅުވީ އެވިޑް ކޮލެޖާއެކު މަސައްކަތް ކުރަންލިބުމަކީ ބޮޑު އުފަލެއް ކަމަށެވެ.

"މިފަދަ ފެންވަރު ރަނގަޅު ކޮލެޖަކާ އެކީ މަސައްކަތްކޮށްލަން ލިބުމަކީ އުފަލެއް. މި އެއްބަސްވުމުގެ ސަބަބުން ގުޅުން އިތުރަށް ހަރުދަނާ ވާނެ،"

ލަންޑަން އެގްޒާމިނޭޝަން ބޯޑުގެ ސީއީއޯ ނޫސްވެރިންނަށް މައުލޫމާތު ދެނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ އެވިޑް ކޮލެޖުގެ އިންޓޭކްގައި މާސްޓާސް ޑިގްރީ އަދި ބެޗެލާސް ޑިގްރީ ހަދާ ދަރިވަރުންނަށް ލަންޑަން އެގްޒާމިނޭޝަން ބޯޑުގެ ވެލިޑިޓީ ލިބޭނެ ކަމުގެ ޔަގީންކަން އެވިޑް ކޮލެޖުން ދެއެވެ.

comment ކޮމެންޓް