އިރާގާއި ސީރިއާގައި ތިބި އައިއެސްގެ މެމްބަރުންގެ އަދަދު 30،000 އަށް އަރާ: އދ

އިރާގާއި ސީރިއާގައި ގާތްގަނޑަކަށް 30،000 އައިއެސް ހަނގުރާމަވެރިން ހަރަކާތްތެރިވޭ -- ފޮޓޯ: ރޮއިޓާސް

އދ (އޮގަސްޓު 14): އިރާގާއި ސީރިއާގައި މިހާރު ތިބި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންގެ އަދަދު 20،000 އާއި 30،000 އާ ދެމެދުގެ އަދަދަކަށް އަރާ ކަމަށް އދއިން ބުނެފިއެވެ.

އދން މިއަދު ނެރުނު ރިޕޯޓެއްގައިވާ ގޮތުން ސީރިއާއާއި އިރާގުގައި ހަރަކާތްތެރި ވަނީ ގާތްގަނޑަކަށް އެއް އަދަދެއްގެ ހަނގުރާމަވެރިންނެވެ. އަދި އައިއެސްއާ ގުޅުމަށް ބޭރު ގައުމުތަކުން އެ ދެ ގައުމަށްދާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

މީގެ އިތުރުން ލީބިޔާގައި 3،000 އާއި 4،000 އާ ދެމެދުގެ އަދަދަކަށް އައިއެސްގެ ހަނގުރާމަވެރިންނާއި އަފްގާނިސްތާނުގައި 3،500 އާއި 4،500 އާ ގާތްކުރާވަރަށް މެމްބަރުން އުޅޭ ކަމަށް އދއިން ބުންޏެވެ.

ދެހާސް ސާދަވަނަ އަހަރު އައިއެސްއިން ވަނީ ސީރިއާގެ ރައްގާ ހިފައި، އެއީ އެ ޖަމާއަތުގެ ވެރިރަށް ކަމަށް ބުނެފައި އެވެ. އަދި އިރާގުގެ މޫސަލްވެސް ހިފައި، އެ ޖަމާއަތުން ހިލާފަތެއް ގާއިމު ކުރިކަން ލީޑަރު އަބޫބަކުރު އަލް ބަގުދާދީ އިއުލާން ކުރިއެވެ.

އޭގެ ފަހުން އަހަރެއްހާ ދުވަސް ތެރޭ އައިއެސްއިން އިރުމަތީ ސީރިއާއާއި އިރާގުގެ ތިން ބައިކުޅަ އެއްބައި އެޖަމާއަތުގެ ބާރުގެ ދަށަށް ގެނައެވެ.

އެހެންކަމުން އައިއެސްގެ ބާރު ކަނޑުވާލުމަށްޓަކައި ދުނިޔޭގެ 77 ގައުމަކުން 2014 ވަނަ އަހަރު ބައިނަލްއަގުވާމީ ކޯލިޝަނެއް އުފެއްދިއެވެ. އަދި މިދިޔަ އަހަރު، އައިއެސް ވަނީ އަސްކަރީ ގޮތުން ބަލިކަށިކޮށް، އެޖަމާއަތުން ހިފާފައިވާ މައި ސިޓީތަކުން ބޭރުކޮށްލާފައެވެ.

(އަލްޖަޒީރާ)

comment ކޮމެންޓް