ސަރުކާރުގެ އޮފީސްތަކުގެ ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ސްޓެލްކޯއަށް

ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ޓީމް އިވެންޓުގެ ޗެމްޕިއަންކަން ސްޓެލްކޯއިން ވަނީ ހޯދައިފައި-- ފޮޓޯ: ބެޑްމިންޓަން އެސޯސިއޭޝަން

ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ޓީމް އިވެންޓުގެ ޗެމްޕިއަންކަން ސްޓެލްކޯއިން ހޯދައިފިއެވެ.

ސްޓެލްކޯއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ މުބާރާތުގެ ފައިނަލް މެޗުގައި މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ވާދަކޮށް ކުރިހޯދައިގެންނެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ރޭ ސްޓެލްކޯއަށް އަދި ދެވަނަ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއަށް ލިބުނު އިރު ތިންވަނަ ލިބުނު ދެ ޓީމަކީ އެމްއެންޑީއެފް އަދި އެމްޑަބްލިއުއެސްސީއެވެ.

ރޭ ވަނީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ އަންހެން ޑިިވިޝަންގެ ޓީމް އިވެންޓުގެ ފައިނަލް ވެސް ކުޅެފައެވެ. އަންހެން ޑިވިޝަންގެ ފައިނަލްގައި ކަސްޓަމްސްއާއި ބޭންކް އޮފް މޯލްޑިވްސް ކުޅުނު އިރު މެޗުން ކުރި ހޯދައި ޗެމްޕިއަންކަން ހޯދީ ކަސްޓަމްސްއިންނެވެ.

މުބާރާތުގެ އަންހެން ޑިިވިޝަންގެ ދެވަނަ ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު އިރު ތިންވަނަ ލިބުނީ އެންވާރަމަންޓް މިނިސްޓްރީއަށާއި ސްޓެލްކޯއަށެވެ.

ފައިނަލް މެޗަށް ފަހު ބޭއްވި އިނާމުދިނުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަން ޓީމުތަކަށް ޓްރޮފީ، ފައިސާގެ އިނާމް، ހަނދާނީ ލިޔުން އަދި ރަން މެޑަލް ހަވާލު ކުރީ ސްޕޯޓްސް ކައުންސިލްގެ ނައިބު ރައީސް ފަރުހަތު ޖަމީލެވެ.

މިއީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ބެޑްމިންޓަން ޗެމްޕިއަންޝިޕް ބޭއްވި ހަތަރުވަނަ ފަހަރެވެ.

comment ކޮމެންޓް