އަޑުގެ ޓްރާންސްމިޝަން ނުލިބެނީ އެންޓަނާތައް ބަދަލުކުރުމުގެ މަަސައްކަތް ކުރާތީ: ޕީއެސްއެމް

ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑު ހިންގާ އިމާރާތް --- ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ދިވެހި ރާއްޖޭގެ އަޑުގެ ޓްރާންސްމިޝަން ނުލިބެނީ ލޮނުޒިޔާރަތްކޮޅުގައި ހުރި އެންޓަނާތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްކުރާތީ ކަމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބުނެފި އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް މިއަދު ސަން އަށް ވިދާޅުވީ އެންޓަނާތައް ބަދަލުކުރުމަށް މަސައްކަތްކުރާތީ ހިދުމަތަށް އުނިކަން އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އަޑުގެ ހިދުމަތް އޭއެމް، އެފް އެމް، އަދި ސެޓެލައިޓު މެދުވެރިކޮށާއި ސްޓްރީމް ކޮށްގެން ލިބޭނެ ކަމަށެވެ. ނަމަވެސް ޓްރާންސްމީޓަރުތައް ބަދަލުކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން މީޑިއަމް ވޭވުގެ ހިދުމަތަށް ބުރޫ އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަސައްކަތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭ ނިންމާލެވޭނެ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ އަޑުން ބުނީ އަޑުގެ ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމުގެ ގޮތުން އަޑުގެ އެންޓަނާ ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރެއިން ފެށިގެން މީޑިއަމް ވޭވް މެދުވެރިކޮށް ފޮނުވާ ޕްރޮގްރާމުތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

ނަމަވެސް 89 މެގަ ހާޓްޒް އެފް އެމް މެދުވެރިކޮށް ރާއްޖޭގެ ބޮޑުބަޔަކަށް އަޑުގެ ހިދުމަތް ލިބޭނެ ކަމަށާއި ޕީއެސްއެމް ލައިވް އެޕްލިކޭޝަން މެދުވެރިކޮށް ވެސް ދިވެހިރާއްޖޭގެ އަޑު އެހޭނެ ކަމަށް ދިވެހިރާއްޖޭގެ އަޑުން ބުނެ އެވެ.

comment ކޮމެންޓް