ފަރަށް އެރި ދޯންޏެއް އަޑިއަށް ހިނގައްޖެ

ކޯސްޓްގާޑުގެ އުޅަނދެއް --- ފޮޓޯ: އެމްއެންޑީއެފް

ކ. ބިޔާދޫ އައިލެންޑް ރިސޯޓުގެ ފަރަށް އެރި ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ "ރޯދި" ނަމަކަށް ކިޔާ ފާނަ މަސްވެރިކަން ކުރާ ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު ލިބުނީ ރޭ މެންދަމު 01:38 ހާއިރު ކަމަށެވެ.

ހާދިސާ ހިނގި އިރު އެ ދޯނީގައި ތިން މީހުން ތިބި ކަމަށް އެމްއެއްޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފްއިން ބުނީ ހާދިސާގެ ހަބަރު ލިބުމާއެކު އެމްއެންޑީފް ކޯސްޓްގާޑުން ހާދިސާ ހިނގި ސަރަހައްދަށް ދެވުނުއިރު ދޯނީގައި ތިބި މީހުން ބިޔާދޫ ރިސޯޓުގެ ދޯންޏެއްގައި ރިސޯޓަށް ގެންގޮސްފައިވާ ކަމަށެވެ.

ފާނަ މަސްވެރިކަން ކުރާ "ރޯދި" ދޯނީގައި ތިބި މީހުން ބިޔާދޫ ރިސޯޓުގެ އެހީގައި މިއަދު ފަތިހު މާލެގެނެސްފައިވާކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

ދޯނި އަޑިއަށް ދިއުމާއެކު ދޯނީގައި ހުރިތަކެތި އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސް ކުރެއެވެ.

comment ކޮމެންޓް