ރިސޯޓު ތަރައްގީކުރަން އިބޫ ލޯނު ދޭނެގޮތަކާ މެދު މުނައްވަރު ސުވާލު އުފައްދަވައިފި

މިރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ފިނޭންސް މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ތަރައްގީ ނުކުރެވި ހުރި ރިސޯޓުތައް ހެދުމަށް ސަރުކާރުން ލޯނު ދޫކުރާނެ ކަމަށް، އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވުމުން، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެކަމާ ސުވާލު އުފައްދަވައިފި އެވެ.

ހެންވޭރުގައި ހުންނަ އެމްޑީއޭގެ ޖަގަހާގައި މިރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި މިނިސްޓަރު މުނައްވަރު ވިދާޅުވީ، އިދިކޮޅުގެ އިގްތިސާދީ އެޖެންޑާ ފެށިގެން ދަނީ ސަރުކާރުން ވިޔަފާރި ކުރަން ބޭނުން ނުވާ ކަމަށް ބުނަމުން ކަމަށެވެ. ނަމަވެސް އެ އެޖެންޑާ ނިމިގެން ދަނީ، ނުހެދި ހުރި ރިސޯޓްތައް ތަރައްގީ ކުރަން ސަރުކާރުން ލޯނުދޭނެކަމަށް ބުނާ ހިސާބުން ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"މިއީ މީގެ އެތައް އަހަރެއް ކުރިން އަޅުގަނޑުމެން ހުއްޓާލާފައިވާ ވާހަކަތަކެއް. ސަރުކާރުން ކިހިނެއްތޯ ސީދާ ޕްރައިވެޓް ސެކްޓާ ވެންޗާ އަކަށް މިފަދަ ބޮޑެތި ލޯނު ދޭނީ؟ ތިޔަ ބޭފުޅުން [އިދިކޮޅު ފަރާތްތަކުން] ވިދާޅުވެދެއްވާ. އަނެއްކާ ތި އުޅެނީ ލޯން ސްޓާތަކެއް ތައްޔާރުކުރަންތޯ؟ މިއީތޯ ތިބޭފުޅުންގެ އެޖެންޑާ އަކީ؟" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަމިއްލަ ފަރާތްތަކަށް، ސަރުކާރުން ލޯނު ދިނުމަކީ މިހާރު ކުރާ ކަމެއް ނޫން ކަމަށެވެ. ސަރުކާރުން މިހާރު ދޭނީ އެސްއެމްއީ ނުވަތަ ގެޓްސެޓް ކަހަލަ މުހިންމު، ބޭންކިން ސެކްޓާއިން ފުރުސަތު ނުލިބޭ ފަރާތްތަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކިހިނެއްތޯ ވާނީ ރިސޯޓުތައް ތަރައްގީ ކުރުމަށް ބިލިޔަނުން، ބިލިޔަނުން ދޭން ފެށީމަ؟ [އޭރުން] އަޅުގަނޑުމެންގެ އިގްތިސާދީ ޕްރޮޖެކްޓުތަކެއް ނުހިންގޭނެ،" މުނައްވަރު ވިދާޅުވި އެވެ.

އިދިކޮޅު މީހުންގެ އިގްތިސާދީ އެޖެންޑާ އަކީ "އެއްގޮތަކަށް ވެސް ތާކުންތާކު ނުޖެހޭ" އަދި އެއްވެސް ވަރަކަށް ދެކޮޅުޖެހޭ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެމީހުންގެ އެޖެންޑާގައި އޮންނަނީ ޕްރައިވަޓައިޒޭޝަނާއި، ނެޝަނަލައިޒޭޝަން އެއްވެފައި ކަމަށާއި، ނަމަވެސް އޭގެ ތެރެއިން ކޮންމެވެސް އެކައްޗެއް ނަގަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރު ހިއްސާ ބޮޑުކުރާނީތޯ، ނުވަތަ ޕްރައިވެޓް ސެކްޓާ ހިއްސާ ބޮޑުކުރާނީތޯ [ނިންމަން އެބަޖެހޭ]. ކޮންމެވެސް އެއްކަމެއް ވާނީ. ދެ ކަމެއް ނުކުރެވޭނެ. [އިދިކޮޅުން ގެންގުޅޭ] ސިޔާސަތުތަކުގެ ދޯހަޅިކަން ފެނިގެން މި ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޖީޑީޕީގެ ބޮލަކަށް ޖެހޭ މިންވަރު ކުރިން 5،000 ޑޮލަރުގައި ހުރި އިރު، މި ސަރުކާރުގެ އިގްތިސާދީ ޓްރާންސްފޯމޭޝަނާއި އެކު އެ އަދަދު މިހާރު 10،000 ޑޮލަރަށް މަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަމާޒަކީ އެ އަދަދު 20،000 ޑޮލަރަށް އިތުރު ކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުތަކުން ފައިސާ ޖަހަމުން ގެންދިޔަ ނަމަވެސް، މި ސަރުކާރުން އެކަން އެއްކޮށް ހުއްޓާލާފައިވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭގެ ސަބަބުން ދިވެހި ރުފިޔާގެ އަގު މަތިވެފައިވާ ކަމަށެވެ.

މި ސަރުކާރުން ގެންގުޅޭ އިގްތިސާދީ ސިޔާސަތާއި އެކު، ބޭރު ފައިސާ މިހާރު ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ޑޮލަރު ނުލިބިގެން ދަތިވެގެން އާންމުން ކިޔު ހަދާފައި އޮންނަ ތަން ވެސް މިހާރު ނުފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން އެއާޕޯޓް ފަދަ މުހިންމު ޕްރޮޖެކްޓްތައް ކުރިއަށް ނުގެންގޮސް ބޭރު މީހުންނަށް "ވިއްކާލީ" ކަމަށެވެ. އަދި އެއާޕޯޓް ތަރައްގީނުވެ އޮތުމުން، ގައުމުގެ އިގްތިސާދީ ދުވެލި އެތައް ގުނައެއް މަޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް