ސާކު ޕޭމެންޓްސް ކައުންސިލްގެ ބައްދަލުވުން ފަށައިފި

މިއަދު ފެށި ސާކު ޕޭމެންޓްސް ކައުންސިލްގެ ބައިވެރިން.-- ފޮޓޯ: އެމްއެެމްއޭ

ސާކު ގައުމުތަކުގެ ޕޭމަންޓްސް ސިސްޓަމްތައް ތަރައްގީކޮށް، ހަރުދަނާ ކުރުމަށް ބާއްވަމުން އަންނަ "ސާކު ޕޭމެންޓްސް ކައުންސިލް"ގެ މި އަހަރުގެ ބައްދަލުވުން މިއަދު ކުރުނބާ މޯލްޑިވްސްގައި ފަށައިފި އެވެ.

އެ ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ، ސާކު ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ އޮންނަ ބަދަހި ގުޅުމުގެ ސަބަބުން މި ސަރަހައްދުގެ ގައުމުތަކުގައި ޕޭމެންޓް ސިސްޓަމްތައް ތަރައްގީ ކުރުމަށް އީޖާދީ ވިސްނުންތައް ލިބިގެންދާ ކަމަށެވެ.

ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. އަދި އެމްއެމްއޭގެ އަމާޒަކީ، ރާއްޖޭގެ އިގްތިސާދަށް ބޭނުންވާފަދަ އީޖާދީ އަދި ޒަމާނީ ޕޭމެންޓް ސިސްޓަމެއް ގާއިމުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމްއޭ އިން ރާއްޖޭގެ ޕޭމެންޓް ސިސްޓަމް ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި، ސާކު ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުން ފަންނީ އެހީތެރިކަން ލިބެމުން ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

އެމްއެމްއޭގެ ގަވަރުނަރު ނަސީރު، ސާކު ޕޭމެންޓްސް ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެމްއެމްއޭ

"ތަރައްގީވެފަ އަދި ތަރައްގީވަމުން އަންނަ ގައުމުތަކެކޭ އެއްގޮތަށް ދިވެހި ރާއްޖޭގެ އިގްތިސާދު ދަނީ ވަރަށް ބޮޑަށް ކުރިއަރަމުން. މި ކުރިއެރުންތަކުގެ ސަބަބުން ގައުމުތަކުގެ އެތެރޭގައި އަދި އެކި ގައުމުތަކުގައި މެދުގައި ހިންގާ މުއާމަލާތްތައް ދަނީ އިތުރުވަމުން،" ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ބައްދަލުވުން ފައްޓަވައިދެއްވަމުން ގަވަރުނަރު ނަސީރު ވިދާޅުވި އެވެ.

"މި ސަބަބުތަކާއި ހެދި ޕޭމެންޓް ސިސްޓަމް އަކީ ޒަމާނީ އަދި ހަރުދަނާ ޕޭމަންޓް ސިސްޓަމަކަށް ހެދުމުގެ ފުރުސަތު އެބައޮތް. އަދި އެފަދަ އިންފްރާސްޓްރަކްޗައެއް ގާއިމުވެގެން ދިއުމަކީ މުހިއްމުކަމެއް،"

ސާކު ގައުމުތަކުގެ މެދުގައި ހިންގާ މުއާމަލާތްތަކަކީ ވީހާ ވެސް ފަސޭހަކަމާއިކު ކުރިއަށް ގެންދެވޭނެ މުއާމަލާތްތަކަށް ހެދުމަށް ފާއިތުވި އަހަރުތަކުގައި މަސައްކަތްކޮށްފައިވާ ކަމަށާއި، މި މަސައްކަތްތަކުގެ ސަބަބުން އާ ފުރުސަތުތައް އުފެދެމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ސަބަބުން ގައުމުތަކުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމެންޓް އިތުރުވެ، ވިޔަފާރީގެ ވާދަވެރިކަމާއި، މާލީ މުއާމަލާތްތައް އިތުރުވާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މިއަދު ފެށި 18 ވަނަ ސާކު ޕޭމެންޓްސް ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން އިންޑިއާ، ބަންގުލަދޭޝް، ބުޓާން، ނޭޕާލް، ޕާކިސްތާން، ސްރީލަންކާގެ އޮފިޝަލުން ބައިވެރިވެ އެވެ.

comment ކޮމެންޓް