ވަގުތީ ޕެޓްރޯލް ޝެޑުގައި ހަތަރު ޑިސްޕެންސަރު ބަހައްޓައިފި

ވަގުތީ ޕެޓްރޯލް ޝެޑުގައި ޑިސްޕެންސަރު ބަހައްޓައިގެން ސައިކަލުތަކަށް ޕެޓްރޯލް އަޅަނީ --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ސައިކަލަށް ޕެޓްރޯލް އެޅުމަށް ޚާއްސަކޮށްގެން އެސްޓީއޯގެ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މާލޭގެ އިންޑަސްޓްރިއަލް ވިލެޖުގައި ހުޅުވި ވަގުތީ ޕެޓްރޯލް ޝެޑުގައި ހަތަރު ޑިސްޕެންސަރު ބަހައްޓައިފި އެވެ.

ބޮޑުތަކުރުފާނު މަގުން ބްރިޖާ ގުޅޭ ހިސާބަށް އެ މަގު ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ، އެ މަގުގައި ހުރި ދެ ޕެޓްރޯލް ޝެޑް ކައިރީގައި ކިއު ދިގުވެ، ޓެރްފިކަށް ބާރުބޮޑުވަމުން އަންނާތީ އެ މައްސަލަ ހައްލު ކުރުމަށް ހުޅުވި ވަގުތީ ޕެޓްރޯލް ޝެޑުން މީގެ ކުރިން ޚިދުމަތް ދެމުން ދިޔައީ ބައުޒަރެއް ބާއްވައިގެންނެވެ.

"ބައުޒަރަކީ މައްސަލަތައް ކުރިމަތިވާ އެއްޗަކަށް ވީމަ، ވީހާވެސް ބޮޑަށް އެކަން ހައްލުކުރަން މިހާރު އަޅުގަނޑުމެން ހަތަރު ޑިސްޕެންސަރު އެތާ ބަހައްޓައިގެން މި ޚިދުމަތް ދެނީ،" އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ހަމްދީ އަގީލް ވިދާޅުވި އެވެ.

https://sun.mv/107583

ކުރިން އެ ތަނުން ޚިދުމަތް ދެމުން ދިޔައީ ބައުޒަރެއް ބާއްވައިގެން، ސީދާ ބައުޒަރުން ސައިކަލަށް ޕެޓްރޯލް އަޅާ ގޮތަށެވެ. އޭރު އެއްފަހަރާ ޚިދުމަތް ދެވެނީ ދެ ސައިކަލަށެވެ. ނަމަވެސް، މިހާރު އެތަނުން އެއްފަހަރާ ހަތަރު ސައިކަލަށް ޕެޓްރޯލް އެޅޭނެ އެވެ.

ވަގުތީ ޕެޓްރޯލް ޝެޑުގެ އިތުރުން މާލޭގައި މިހާރު ޚިދުމަތް ދެނީ ފަތާ ޓްރެކް ސަރަހައްދާއި، ކާނިވާ ސަރަހައްދުގެ އިތުރުން އައިޖީއެމްއެޗް ކައިރީގައި ހުންނަ ޕެޓްރޯލް ޝެޑުންނެވެ.

ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޕެޓްރޯލް އެޅޭނީ، އޭގެ ތެރެއިން ޓްރެކް ސަރަހައްދުގައި ހުންނަ ޝެޑުންނެވެ.

comment ކޮމެންޓް