އިމްޕޯޓާއި އެކްސްޕޯޓް އިތުރުވެ، އާމްދަނީ 282 މިލިޔަނަށް

މާލޭ ވިޔަފާރި ބަނދަރު.--- ފޮޓޯ: ކަސްޓަމްސް

މިދިޔަ މަހު ރާއްޖޭން އިމްޕޯޓް ކުރި މުދަލާއި، އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރި މުދާ އިތުރުވުމުން ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް 282 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ކަސްޓަމުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖުލައި މަހު ރާއްޖެ އަށް 4.1 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓް ކުރި އެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހު އިމްޕޯޓް ކުރި 2.96 ބިލިޔަން ރުފިޔާގެ މުދަލަށް ވުރެ 38 ޕަސެންޓް އިތުރު އަދަދެކެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު ރާއްޖެ އަށް އިމްޕޯޓް ކުރި މުދަލުގެ އަގުގެ ގޮތުން ބަލާއިރު 19 ޕަސެންޓް ގެނެސްފައިވަނީ ޔޫއޭއީންނެވެ. އޭގެ އިތުރުން ޗައިނާ އިން 18 ޕަސެންޓް އިމްޕޯޓް ކުރި އިރު، ތިން ވަނަ އަށް އެންމެ ގިނައިން މުދާ ގެނައީ 14 ޕަސެންޓްގެ މުދާ އެތެރެކުރި ސިންގަޕޫރުންނެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމަށް ލިބުނު އާމްދަނީ 282 މިލިޔަން ރުފިޔާ އަށް އެރި އިރު، އެއީ މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީ އަށް ވުރެ 11 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބުނީ 254 މިލިޔަން ރުފިޔާ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު މި އަހަރުގެ އެކްސްޕޯޓް ވަނީ 30 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު 203 މިލިޔަން ރުފިޔާގެ މުދާ ބޭރު ކުރި، މި އަހަރު ވަނީ 263 މިލިޔަން ރުފިޔާގެ މުދާ ބޭރު ކޮށްފަ އެވެ.

ކަސްޓަމުން ބުނީ، ރާއްޖޭން އެންމެ ގިނައިން އެކްސްޕޯޓް ކުރީ އާންމުކޮށް ރާއްޖޭން އެހެން މަސްމަހު ވެސް އެންމެ ގިނައިން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތައް ކަމަށެވެ.

އެކްސްޕޯޓް ކުރި މުދަލުގެ 26 ޕަސެންޓް ތައިލޭންޑަށް ގެންދިޔަ އިރު، 19 ޕަސެންޓް ގެންދިޔައީ އިނގިރޭސިވިލާތަށެވެ. އަދި ޖަރުމަނަށް 16 ޕަސެންޓް އަދި އެމެރިކާ އަށް ނުވަ ޕަސެންޓްގެ މުދާ ގެންދިޔަ އެވެ.

comment ކޮމެންޓް