ދެކުނު ކޮރެއާގެ ރައީސް އަންނަ މަހު އުތުރު ކޮރެއާއަށް ވަޑައިގަންނަވަނީ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިން ވަނީ އޭޕްރިލް މަހު ބައްދަލުކުރައްވާފައި -- ފޮޓޯ: ރޮއިޓާސް

ސޯލް (އޮގަސްޓު 13): ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިން އަންނަ މަހު އުތުރު ކޮރެއާއަށް ވަޑައިގެން އެގައުމުގެ ލީޑަރު ކިމް ޖޮންގް އުންއާ ބައްދަލު ކުރައްވާނެ ކަމަށް ދެ ގައުމުން ބުނެފި އެވެ.

ދެ ކޮރެއާއިން އެފަދައިން ބުނެފައި ވަނީ ދެ ގައުމުގެ އޮފިޝަލުން މިއަދު ޑީމިލިޓަރައިޒްޑް ޒޯނުގައި ބައްދަލުކުރެއްވި ފަހުންނެވެ. ނަމަވެސް ކިމް އާއި މޫންގެ ސަމިޓު ބާއްވާނެ ތާރީހެއް އޮފިޝަލުން ހާމަ ނުކުރައްވަ އެވެ.

މީގެ ކުރިން ދެ ކޮރެއާގެ ލީޑަރުން ވަނީ މިދިޔަ އޭޕްރިލް މަހާއި މެއި މަހު ބައްދަލުކުރައްވާފައި އެވެ. އަދި އެ ދެބައްދަލުވުންވެސް ބާއްވާފައި ވަނީ ދެގައުމުގެ ސަރަހައްދީ ރޮނގުގައިވާ ޕަންމުންޖޮމްގައި އެވެ.

އޭޕްރިލް މަހު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުން ވަނީ މިއަހަރުތެރޭ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރަން ނިންމާފައި އެވެ. އަދި ކޮރެއަން ޕެނިންސުލާއިން ނިއުކްލިއާ ހަތިޔާރު ނައްތާލަން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައި އެވެ.

ދެކުނު ކޮރެއާގެ ރައީސަކު އުތުރު ކޮރެއާއަށް އެންމެ ފަހުން ވަޑައިގެންނެވީ 2007 ވަނަ އަހަރެވެ. އޭރުގެ ރައީސް ނޯ މޫ ހުޔޮން ވަނީ އުތުރު ކޮރެއާއަށް ވަޑައިގެން ކިމްގެ ބައްޕާފުޅު، ކިމް ޖޮންގް އިލްއާ ބައްދަލުކުރައްވާފައި އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް