ވޭމަންޑޫގެ ގޮނޑުދޮށް ހިމާޔާތްކޮށް ނިމުން ފާހަގަކޮށްފި

ތ. ވޭމަންޑޫގެ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫއު ރައީސް އިފްތިތާހު ކޮށްދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

ތ. ވޭމަންޑޫގެ ގޮނޑުދޮށް ހިމާޔާތްކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ ނިމުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިފްތިތާހްކޮށްފިއެވެ.

ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު ރައީސް ވަނީ ތ. ވޭމަންޑޫއަށް ވަޑައިގަން އެރަށު ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ކުރިއަށް ގެންދިޔަ މަސްރޫރުގެ ނިމުން ފާހަގަކުރައްވައިފައެވެ.

ވޭމަންޑޫގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށާފައި ވަނީ 2015 ވަނަ އަހަރުއެވެ. އެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން ވަނީ ޖުމްލަ 6.5 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެ މަޝްރޫއުގެ މަސައްކަތް މުޅިން ނިންމާފައިވަނީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ.

ވޭމަންޑޫގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށްފަހު އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވަނީ، ވޭމަންޑޫގައި ފެނާއި ނަރުދަމާ އަޅައި ދޭނެ ކަމަށްވެސް ވައުދުވެވަޑައިގެންފައެވެ.

ތ. އަތޮޅަށް ރައީސް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ އެ އަތޮޅު ތިމަރަފުއްޓަށެވެ. އަދި އެރަށުގައި ޤާއިމުކޮށްފައިވާ ފެނުގެ ޚިދުމަތް ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.

އެ ދެ ރަށުގެ އިތުރުން ތ. ކަނޑޫދޫއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން މިއަދު ހަވީރު ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ ދަތުރުފުޅުގައި ތ. ބުރުންޏަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ތ. ވިލުފުށީގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމަށާއި، އެއަތޮޅު މަޑިފުށީގެ ބިންހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށާއި، އެރަށުގައި ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތ. މަޑިފުށީގައި ޤާއިމުކޮށްފައިފާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ވެސް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފަހު ރަށެއްގެ ގޮތުގައި ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ތ. ދިޔަމިގިއްޔަށެވެ. އަދި އެރަށުގެ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް