މި ސީޒަން ހީކުރާ ވަރަށް ވުރެ އުނދަގޫ ވާނެ: ކްލޮޕް

ލިވަޕޫލުގެ ކޯޗު ޖޫގެން ކްލޮޕް---

މި ސީޒަން ވެގެންދާނީ ހީކުރާ ވަރަށް އުނދަގޫ ސީޒަނަކަށް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

މި ސީޒަންގެ ޕްރިމިއާ ލީގުގައި ލިވަޕޫލް ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ އެ ޓީމު ނުކުތީ ވެސްޓް ހެމްއާ ދެކޮޅަށެވެ. ލިވަޕޫލްއިން މޮޅު ކުޅުމެއް ދެއްކި އެ މެޗު ނިމުނީ 4-0ގެ ނަތީޖާއަކުން އެ ޓީމު މޮޅުވެގެންނެވެ. ލިވަޕޫލްގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ސަޑިއޯ މާނޭ ކާމިޔާބު ކުރި އިރު ދެން ގޯލު ޖެހީ މުހައްމަދު ސަލާހު އަދި ޑެނިއަލް ސްޓަރިޖް އެވެ.

މެޗަށް ފަހު ކްލޮޕް ބުނީ ޕްރީސީޒަންގައި ދެއްކި ކުޅުމާ އެކު ޓީމު ތެރޭގައި އޮތީ ވަރަށް ޕޮޒިޓިވް ވިސްނުމެއް ކަމަށެވެ. އެހެން ނަމަވެސް، މި ސީޒަނަކީ ހީކުރާ ވަރަށް ވުރެ އުނދަގޫ ސީޒަނަކަށް ވާނެ ކަން ހުރިހާ ކުޅުންތެރިންނަށް ވެސް އެނގޭ ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެންނަށް އެނގޭ ކޮންމެ ހަފްތާއަކު އަންނަ ޗެލެންޖުތަކަށް އެކަށީގެންވާ ވަރަށް ތައްޔާރުވާން ޖެހޭނެ ކަން." ކްލޮޕް ބުންޏެވެ.

އޭނާ ޓީމާ ހަވާލުވި ފަހުން ތައްޓެއް ލިބިފައި ނުވާކަން ފާހަގަކޮށް ކްލޮޕް ބުނީ، ލިވަޕޫލް އަކީ ހަމައެކަނި ތައްޓަށް ވާދަ ކުރާ ކްލަބަކަށް ވުމުގެ ބަދަލުގައި ތަށި ހޯދާ ޓީމަކަށް ވުމަށް އަދި ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން ކުޅުންތެރިންނާ ވާހަކަ ދައްކާފައިވާ ކަމަށާއި އެކަން ހާސިލު ކުރުމަކީ އެންމެންގެ އުންމީދު ކަމަށް ކްލޮޕް ބުންޏެވެ.

އޭނާ ބުނީ ވެސްޓު ހެމް އިއްޔެ ބަލިވި ނަމަވެސް، އެ ޓީމު މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށެވެ. އެހެން ނަމަވެސް އެ ޓީމަކީ ސިޓީ އަދި ޔުނައިޓެޑް ފަދަ ޓީމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

އިއްޔެގެ މެޗު ލިވަޕޫލް އިން ބޮޑު ތަފާތަކުން ކާމިޔާބު ކުރި އިރު، އެ މެޗު ވެގެން ދިޔައީ 1932 ވަނަ އަހަރުގެ ފަހުން ލީގުގެ ފުރަތަމަ ދުވަހު ލިވަޕޫލްގެ ދަނޑުގައި އެ ޓީމު އެންމެ ތަފާތު ބޮޑުކޮށް މޮޅުވި މެޗަށެވެ.

ލިވަޕޫލް އިން މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގެނައި ކީޕަރު އެލިސަން ބެކާ އާއި ނަބީ ކެއިޓާ ވަނީ އިއްޔެގެ މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ. އެ ދެކުޅުންތެރިންގެ ފަރާތުން ވެސް ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ.

comment ކޮމެންޓް