ކުރިއަށް އޮތް ތަނުގައި ސިޓީ ދާނީ އިތުރަށް ވަރުގަދަ ވަމުން: ގާޑިއޯލާ

މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ--

މި ސީޒަން ކުރިއަށްދާ ވަރަކަށް މެންޗެސްޓާ ސިޓީ ދާނީ އިތުރަށް ވަރުގަދަ ވަމުން ކަމަށް، އެ ޓީމުގެ ކޯޗ ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މި ސީޒަންގެ ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ ކުޅުނު ފުރަތަމަ މެޗުގައި ރޭ ވަނީި އާސެނަލްގެ މައްޗަށް 2-0ގެ ނަތީޖާއަކުން ކުރި ހޯދައިފަ އެވެ. އެ މެޗުގައި ސިޓީއަށް ގޯލު ޖަހައި ދިނީ ރަހީމް ސްޓާލިންއާ ބާނާޑޯ ސިލްވާ އެވެ.

މެޗަށް ފަހު ގާޑިއޯލާ ބުނީ، އެ މެޗަށް ނުކުތީ ޓީމުގެ ގިނަ ކުޅުންތެރިން ކޮންޑިޝަން ރަނގަޅު ނުވަނީސް ކަމަށެވެ. އެހެން ނަމަވެސް މިހާރު އެކުގައި ދެ ސީޒަނަށް ވުރެ ގިނަ ދުވަސް ވެފައި ވުމުން ހަދަންވީ ގޮތް ކުޅުންތެރިންނަށް އެނގުުނު ކަމަށް ގާޑިއޯލާ ބުންޏެވެ.

"ޖުމްލަ ގޮތެއްގައި ޓީމު ރަނގަޅު ކުޅުމެއް ދެއްކި، އަދި ކުރިއަށް އޮތް ތަނުގައި އަހަރެމެން ދާނީ ދުވަހެއް ދުވަހަކަށް ވަރުގަދަ ވަމުން." ގާޑިއޯލާ ބުންޏެވެ.

މެޗުގައި ސިޓީއިން މޮޅު ކުޅުމެއް ދައްކައި ގިނަ ފުރުސަތުތައް އުފެއްދިކަން ފާހަގަކޮށް ގާޑިއޯލާ ބުނީ އޭނާ ހިތްހަމަ ޖެހޭ ބައިވަރު ކަންތައްތައް ފެނުނު ކަމަށެވެ. އަދި ފުރަތަމަ ހާފުގައި އެއް ގޯލު ޖެހުނު ނަމަވެސް، ދެވަނަ ހާފުގައި ލިބުނު ފުރުސަތުތަކަށް ބަލާއިރު ތިން ވަރަކަށް ގޯލު ޖެހުނީސް ކަމަށް އޭނާ ބުންޏެވެ.

މިފަހަރުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސިޓީއިން 60 މިލިއަން ޕައުންޑު ދީގެން ގަތް ރިޔާދް މަހްރޭޒް ރޭގެ މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައިވެ އެވެ. އެހެން ނަމަވެސް، ސިޓީ މެޗަށް ނުކުތީ މުހިންމު ކުޅުންތެރިން ކަމަށްވާ ސާނޭ އަދި ޑި ބްރައިނާ ބެންޗުގައި ބަހައްޓައިގެންނެވެ.

ރޭގެ މެޗުން 2-0ގެ ނަތީޖާއަކުން އާސެނަލް ބަލިވި އިރު އެ މެޗަކީ 1996 ވަނަ އަހަރު އާސެން ވެންގާ އެ ޓީމާ ހަވާލުވި ފަހުން އެހެން މީހެއްގެ ކޯޗު ކަމުގެ ދަށުން އާސެލަން ކުޅުނު ފުރަތަމަ މެޗެވެ. ވެންގާ މިހާރު އާސެނަލް ދޫކޮށް ގޮސްފައިވާއިރު އެ ޓީމުގެ ކޯޗަކަށް މިހާރު ހަމަޖައްސާފައި ވަނީ އުނާއި އެމެރީ އެވެ.

comment ކޮމެންޓް