"ބާރަތު"ގެ ކްރޫ ޝޫޓިން އަށް މޯލްޓާގައި!

ފިލްމު "ބާރަތު" އިން ފެނިގެންދާނެ ސަލްމާން ޙާނާއި ކެޓްރީނާ ކައިފް...

އަލީ އައްބާސް ޒަފަރު ޑައިރެކްޓުކޮށް، ބޮލީވުޑްގެ މަޝްހޫރު ބަތަލް ސަލްމާން ޚާން ލީޑު ރޯލުން ފެނިގެންދާނެ ފިލްމު "ބާރަތު"ގެ ކާސްޓާއި ކްރޫ އިންޑިއާގެ ޝޫޓިން ނިންމައި މޯލްޓާގައި ފިލްމުގެ ޝޫޓިން ފަށައިފިއެވެ.

ކުރިން ސަލްމާނާއެކު ޕްރިޔަންކާ ޗޯޕްރާ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނެ ކަމަށް އިއުލާންކޮށްފައި ވަނިކޮށް ޕްރިޔަންކާ ވަނީ ފިލްމުގެ ކާސްޓުން ބޭރުވެ، ފިލްމު ދޫކޮށްލާފައެވެ. އެއާއެކު ފިލްމުގެ ޝޫޓިން ފެށީ ކެޓްރީނާ ކައިފްއާއެކުއެވެ.

އިންޑިއާގެ މުމްބާއީގައި ޝޫޓިން ނިންމާލާފައި "ބާރަތު" ގެ ކްރޫ މޯލްޓާއަށް ދިޔަ އިރު ސަލްމާން ޙާންގެ މަންމައާއި އާއިލާގެ މައެއް މެންބަރުންވެސް ދިޔައެވެ. އެ ފިލްމަކީ ސަލްމާންގެ ޅިޔަނު އަތުލް އަގްނިހޯތުރީއާއި ޓީސީރީޒް ގުޅިގެން ހަދާ ފިލްމެކެވެ.

"ބާރަތު" ގެ ޓީމަށް ޝޫޓިންގެ ތިންވަނަ މަންޒިލަކަށް ވާނީ އަބޫ ދާބީއެވެ. ފިލްމުގެ މުހިންމު މަންޒަރުތަކެއް އެތާގައިވެސް ނެގުމަށް ހަމަޖެހިފައިވާ ކަމުގެ ހަބަރުތައް ވަނީ ލިބިފައެވެ.

ސަލްމާނާއި ކެޓްރީނާއާއެކު ދެން އެ ފިލްމުން ފެނިގެންދާނީ، ޖެކީ ޝްރޮފް، ތައްބޫ، ޑިޝާ ޕަޓްނީ، އަދި "ދިލްބަރް" ލަވައިން ބޮޑު މަގުބޫލުކަމެއް ހޯދި ނޯރާ ފަތެހީއެވެ.

"ބާރަތު" އެއްކޮށް ނިމި ބެލުންތެރިންނާ ހަމަޔަށް ގެނެސްދޭން ނިންމާފައިވަނީ އަންނަ އަހަރުގެ ކުޑަ އީދުގައެވެ.

comment ކޮމެންޓް