ސްވަފްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ކަމަށް ޝަވީދު އިންތިހާބުކޮށްފި

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި ފުރަތަމަ އާންމު ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ސްވަފް

ސައުތު ވެސްޓް އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސްވަފް)ގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ކަމުގެ މަގާމަށް، އޮލިމްޕިކް ކޮމެޓީގެ ރައީސް އަދި އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ކުރީގެ ޗެއާމަން މުހައްމަދު ޝަވީދު އިންތިހާބުވެއްޖެ އެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އެ ފެޑެރޭޝަންގެ ފުރަތަމަ އާންމު ބައްދަލުވުމުގައި ޝަވީދު ސީނިއާ ވައިސް ޕްރެޒިޑެންޓް ކަމުގެ މަގާމަށް އިންތިހާބު ކުރި އިރު އެ ފެޑެރޭޝަންގެ ރައީސް ކަމަށް ހަމަޖެއްސީ ސައުދީ ފުޓްބޯޅަ ފެޑަރޭޝަންގެ ޗެއާމަން ޑރ. އާދިލް ބިން މުހައްމަދު އިއްޒަތު އެވެ.

ސްވަފްގެ ވައިސް ޕްރެޒިޑެންޓު ކަމަށް ދެ ބޭފުޅަކު ވަނީ އިންތިހާބުކޮށްފަ އެވެ. އެއީ އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ސުބްރަތާ ދުއްތާ އާއި ޔޫއޭއީގެ ފޫޓްބޯޅަ އެސޯސިއޭޝަންގެ ވައިސް ޕްރެޒިޑެންޓް އަބްދުﷲ އަލް ޖުނައިބީ އެވެ.

ސަވްފްއަކީ ސައުދީ އަރަބިއާ އިސްކޮށް އޮވެ، އުފައްދަން މަސައްކުރާ ސަރަހައްދީ ފުޓުބޯޅަ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި 10 މެމްބަރު ގައުމެއް ހިމެނޭނެ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެ ޖަމިއްޔާގެ ފައުންޑާ މެމްބަރުންގެ ލިސްޓްގައި ރާއްޖެ ހިމަނާފައިވެ އެވެ.

އެ ޖަމިއްޔާގައި ބައިވެރިވުމާ ގުޅޭ ގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މީގެ ކުރިން ވިދާޅުވެފައި ވަނީ، ސްވަފްއަކީ ރާއްޖެއަށް ފަހި ފުރުސަތެއް ކަމަށާއި އެ ޖަމިއްޔާގައި ބައިވެރިވުމުގެ ސަބަބުން ޒުވާން ޖީލެއް ބިނާ ކުރުމަށް ރަނގަޅު ފުރުސަތުތަކެއް ވެސް ލިބިގެންދާނެ ކަމަށެވެ.

comment ކޮމެންޓް