"އިންޝާﷲ" އިން ސަލްމާނާއެކު ދީޕިކާ ފެނިދާނެ؟

ސަލްމާން ޙާނާއި ދީޕިކާ ޕަދްކޯން....

ކުޅަދާނަ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީގެ ކުރިޔަށް އޮތް ފިލްމު "އިންޝާﷲ" އިން ބޮލީވުޑްގެ ކާމިޔާބު ތަރި ސަލްމާން ޚާނާއެކު މަޝްހޫރު ބަތަލާ ދީޕިކާ ފެނިދާނެ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

މީގެ ކުރިން ދީޕިކާއާއި ސަލްމާން އެކީ ސްކްރީނުން ފެނިގެން ގޮސްފައެއް ނުވެއެވެ. މި ދެ ތަރިން އެކުގައި ފެނިލަން ގިނަ ބަޔަކު ބޭނުންވާކަން ހަމަ ޔަގީނެވެ.

މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން ސަލްމާން ވަނީ ބަންސާލީގެ ފިލްމެއް އޭނާއަށް ހުށަހެޅިކަން މީޑިއާތަކަށް ޔަގީންކޮށްދީފައެވެ. މީގެ ކުރިންވެސް ސަލްމާން ވަނީ ބަންސާލީގެ ފިލްމުތަކުގައި މަސައްކަތް ކޮށްފައެވެ.

ދީޕިކާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ވެސް މި އަހަރުގެ ކުރީ ކޮޅު ރިލީޒް ކުރި ބަންސާލީގެ ފިލްމު "ޕަދްމާވަތު" އިންނެވެ. އެއަށް ފަހު އަދި ދީޕިކާ އެއްވެސް ފިލްމެއްގެ މަސައްކަތް ނުކުރެއެވެ. އެހެންވެ ދީޕިކާ ލައިގެން ފިލްމެއްގެ މަސައްކަތް ކުރަން އަނެއްކާވެސް ބަންސާލީ ބޭނުންވެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ދީޕިކާ "އިންޝާﷲ" އިން ފެނުމުގެ ފުރުސަތު ބޮޑެވެ.

ދީޕިކާ ވަނީ 2015 ވަނަ އަހަރު ރިލީޒްކުރި ބަންސާލީގެ "ބަޖިރާއޯ މަސްތާނީ" އިންނާއި އަދި ހަމަ ބަންސާލީ ޑައިރެކްޓްކޮށް 2013 ވަނަ ރިލީޒްކުރި "ރާމް ލީލާ" އިންވެސް ފެނިގެންގޮސްފައެވެ. "އިންޝާﷲ" އަށް އޭނާ ސޮއިކޮށްފިނަމަ ވެގެންދާނީ ބަންސާލީގެ އެންމެ ގިނަ ފިލްމުން ފެނިގެންދާނެ ބަތަލާއަށެވެ.

ސަލްމާން، ބަންސާލީއާއެކު މަސައްކަތް ކުރި ފިލްމްތަކުގެ ތެރޭގައި "ހަމް ދިލް ދޭ ޗުކޭ ސަނަމް"، "ހާމޯޝީ: ދަ މިއުޒިކަލް" އަދި "ސާވަރިޔާ" ހިމެނެއެވެ.

comment ކޮމެންޓް