އެމެރިކާގެ މަކަރުވެރިކަމުގެ ދަލުގައި ތުރުކީ ނުޖެހޭނެ، އެމެރިކާއަށް އަލްވަދާޢު : އުރުދުޣާން

އުރުދުޣާން

އަންކަރާ (އޮގަސްޓް 13) : އެމެރިކާގެ މަކަރުވެރިކަމުގެ ދަލުގައި ތުރުކީ ނުޖެހޭނެ ކަމަށާއި އެމެރިކާ އަށް ތުރުކީން ކިޔާނީ އަލްވަދާއު ކަމަށް އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ތުރުކީގެ އިރު އުތުރުގެ ތޮރަބްޒޯން ސިޓީގައި ބޭއްވި ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ އިސްތިޝާރީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ތުރުކީވިލާތުގެ ފައިސާ ކަމަށްވާ ލީރާގެ އަގު ވެއްޓެމުންދަނީ ބޭރުގެ ރޭވުމެއްގެ ދަށުންކަން ޔަގީން ކަމަށާއި އެއީ ތުރުކީގެ ކިބައިން ސިޔާސީ މަގްސަދުތަކެއް ޙާސިލް ކުރުމަށް ރަވާ ރޭވުންތަކެއް ކަމުގަ އެވެ.

އެމެރިކާގެ ނަން ސީދާގޮތެއްގައި ވިދާޅުނުވި ނަމަވެސް އެރޭވުމުގެ ފަހަތުގައި ވަނީ އެމެރިކާކަން ދޭހަވަ ގޮތަށް އުރުދުޣާން ވާހަކަ ދެއްކެވި އެވެ. ތުރުކީގެ އިންޕޯޓް އެކްސްޕޯޓަށް އެއްވެސް މައްސަލައެއް ކުރިމަތިވެފައިނުވާ އިރު އަދި އެގައުމުގެ އިގްތިސާދު އިންތިހާއަށް ވަރުގަދަވެފައިވާ މިދަނޑިވަޅުގައި އެގައުމުގެ ފައިސާ ކަމަށްވާ ލީރާގެ އަގު ވެއްޓެނީ އެމެރިކާގެ ރޭވުންތަކެއްގެ ސަބަބުން ކަމަށް އުރުދުޣާން ދެކެވަޑައިގަންނަވަ އެވެ.

ތުރުކީގެ ލީރާގެ އަގުގެ 33 ޕަސެންޓް ވަނީ ގެއްލިގެން ގޮސްފަ އެވެ. މިއީ ތުރުކީގެ އިގްތިސާދަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. އުރުދުޣާން ވިދާޅުވީ ބޭރުގެ ފަރާތްތަކެއް އަޑީގައި ތިބެގެން ތުރުކީވިލާތުގެ ވެރިކަމުގެ ނިޒާމު ފޮރޮޅާލަން ބަޣާވާތެއް ގެންނަން މަސައްކަތްކުރި ގޮތަށް އިގްތިސާދު ހަލާކުކޮށްލުމަށް ވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށާ ބަޣާވާތް ނާކާމިޔާބު ކޮށްލަން ރައްޔިތުން ތެދުވިގޮތަށް މިކަން ނާކާމިޔާބުކޮށްލަން ވެސް ރައްޔިތުން ތެދުވާނެ ކަމުގަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުރުކީގެ ދަނގަނޑާއި އެލްމެނިޔަމް އިން އެމެރިކާ ނަގާ ޑިއުޓީ ދެގުނައަށް ބޮޑުކުރުމަށް މިދިޔަ ހަފްތާގައި ނިންމެވުމާ އެކު ލީރާގެ އަގު ވަނީ އިތުރަށް 16 ޕަސެންޓް ވެއްޓިފަ އެވެ.

އުރުދުޣާންގެ ވެރިކަމުގައި ތުރުކީވަނީ އެމެރިކާއަށް ބަރޯސާނުވާ ސަރަހައްދީ ބޮޑު ބާރެއްގެ ގޮތުގައި ހަރަކާތްތެރިވާން ފަށައިފަ އެވެ. އަދި ތުރުކީގެ ޚާރިޖީ ސިޔާސަތުވެސްވަނީ އެމެރިކާއަށް ޑިޕެންޑް ނުވާ މުސްތަގިއްލު އަދި ތުރުކީގެ ގައުމީ މަސްލަހަތާ ގުޅޭ ސިޔާސަތަކަށް ބަދަލުކޮށްފައެވެ. އުރުދުޣާން ވަނީ ތުރުކީގެ އިގްތިސާދު ވެސް 350 ބިލިޔަން ޑލަރުން 900 ބިލިޔަން ޑޮލަރަށް މައްޗަށް ޖައްސައިފަ އެވެ. ބޮލަކަށް ޖެހޭ އާމްދަނީ ވެސް ވަނީ 3000 ޑޮލަރުން 10،000 ޑޮލަރަށް މައްޗަށް ޖައްސައިފަ އެވެ.

އަދި ތުރުކީވަނީ އެފްރިކާގެ ގައުމުތަކުގައި ޗައިނާ ގޮތަށް އިންވެސްޓް ކުރަން ފަށައި އެމެރިކާގެ ބަދަލުގައި ރަޝިޔާއާއި ޗައިނާއާއި އީރާންއާ އެކު ގާތްގުޅުންތަކެއް އުފައްދައިފަ އެވެ. އުރުދުޣާން ވަނީ އެމެރިކާ ތުރުކީއާމެދު ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ދެގައުމުގެ ރަހްމަތްތެރިކަން ގެއްލި އެމެރިކާގެ ބަދަލުގައި އެހެން ބައިވެރިން ހޯދަން ތުރުކީން މަސައްކަތް ކުރަމުންގެންދާކަން ވެސް ހާމަކުރައްވައިފަ އެވެ.

އުރުދުޣާންގެ ވެރިކަމުގައި ތުރުކީ އަށް ގެނައި ތަނަވަސްކަމާއި ފާގަތި ކަމުގެ ސަބަބުން ރައްޔިތުންގެ ތާއީދު އޭނާއަށް ވަރަށް ބޮޑެވެ. އުރުދުޣާން އާ ފިކުރީ ގޮތުން ޚިޔާލް ތަފާތު ފަރާތްތައް ވެސް އޭނާއަށް ސިޔާސީ ގޮތުން ތާއީދުކުރެ އެވެ. އެހެންކަމުން އުރުދުޣާންގެ ވެރިކަމާ ދެކޮޅަށް ކުރެވޭނެ މާބޮޑު ކަންތައްތަކެއް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކަށް ނެތެވެ. ދާދިފަހުން ބޭއްވި ރިޔާސީ އިންތިޚާބު ވެސް އުރުދުޣާންވަނީ ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާފަ އެވެ.

އެމެރިކާ އަށް ލިބިފައިވާ އާދަޔާ ޚިލާފު ބާރުކަމަށްވާ ޑޮލަރުގެ ބާރާއި ނުފޫޒު ކުޑަކުރުމަށްޓަކައި އުރުދުޣާންވަނީ ތުރުކީއާއި ޗައިނާއާއި ރަޝިޔާއާއި އީރާން ގުޅިގެން ޑޮލަރު ނޫން ކަރަންސީ އަކުން ވިޔަފާރީގެ މުއާމަލާތްތައް ކުރުމާމެދު ފަންނީ ފެންވަރުގައި ވާހަކަދައްކަމުން ގެންދާކަަން ވެސް ހަމަކުރައްވައިފަ އެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް