ސީރިއާގެ ހަތިޔާރު ގުދަނެއް ގޮވައި، 39 މީހަކު މަރުވެއްޖެ

އިދުލިބުގެ ހަތިޔާރު ގުދަނެއް ގޮވުމުގެ ސަބަބުން ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރަނީ -- ފޮޓޯ: ގެޓީ

ދިމިޝްގު (އޮގަސްޓު 13): ސީރިއާގެ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮތް އިދުލިބުގައި ހުންނަ ހަތިޔާރު ގުދަނެއް ގޮވައި، 39 މީހަކު މަރުވެއްޖެ އެވެ.

އިދުލިބުގެ ސަރުމަދާގައި އެގުދަން ގޮވަން މެދުވެރިވި ސަބަބު އަދި ޔަގީންވެފައި ނުވެ އެވެ. ނަމަވެސް އެގުދަން ނިސްބަތް ވަނީ ހަތިޔާރު ޓްރެފިކް ކުރާ ބަޔަކަށް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އިދުލިބުގެ ސިވިލް ޑިފެންސް ޓީމުގެ މެމްބަރަކު ބުނި ގޮތުގައި އެގޮވުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ އިމާރާތްތަކެއް ވަނީ ބިމާ ހަމަވެފަ އެވެ. އަދި އެ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ވަނީ އެސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ މީހުންނަށް ވީގޮތެއް ނޭނގޭ ކަމަށް ބުނެފަ އެވެ. އަދި އެގޮވުމުގައި މަރުވި މީހުންގެ ތެރޭގައި 12 ކުޑަކުދިން ހިމެނޭ ކަމަށް ބުނެފަ އެވެ.

އެ ހާދިސާގައި ވެއްޓުނު އިމާރާތްތަކުގައި ދިރިއުޅޭ ގިނަ މީހުންނަކީ ސީރިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ މީހުންގެ އާއިލާތައް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ފާއިތުވި މަސްތަކުގެ ތެރޭގައި ސީރިއާ ސަރުކާރުން ވަނީ އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ގިނަ ސަރަހައްދުތަކުން އެމީހުންގެ ބާރު ކަނޑުވާލައިފަ އެވެ. އަދި ރަޝިއާގެ އެހީގައި ސީރިއާ އަސްކަރިއްޔާ އިން ދެން ހަމަލާތައް އަމާޒު ކުރާނީ އިދުލިބަށް ކަމަށް ބެލެވެ އެވެ. (ބީބީސީ)

comment ކޮމެންޓް