ޔަހޫދީ ގައުމިއްޔަތުގެ ގާނޫނާ ދެކޮޅަށް އިސްރާއީލުގެ ޔަހޫދީންވެސް އިހުތިޖާޖުކުރަނީ

ޓެލްއަވީވް (އޮގަސްޓް 12): ފަލަސްތީނުގެ ބިމުގައި އުފައްދާފައިވާ އިސްރާއީލަކީ ހަމައެކަނި ޔަހޫދީ ދަރިކޮޅަށާއި ޔަހޫދީ ގައުމިއްޔަތަށް ހާއްސަ ދައުލަތެއް ކަމަށް ފާސްކޮށްފައިވާ ގާނޫނާ ދެކޮޅަށް އެ ގައުމުގެ މެދުމިނުގެ ޔަހޫދީންނާއި އެހެން ދަރިކޮޅުތަކުގެ މީހުން ގުޅިގެން އިޙްތިޖާޖުކުރަން ފަށައިފިއެވެ.

ޔަހޫދީ ގައުމިއްޔަތުގެ ގާނޫނަކީ ނަސްލީ އިމްތިޔާޒުގެ ގާނޫނެއްކަމަށް ބުނެ، އިޙްތިޖާޖުކުރާ އިސްރާއީލުގެ ރައްޔިތުންގެ ތެރޭގައި އެ ގައުމުގެ ޔަހޫދީންގެ އިތުރުން އަރަބިންވެސް ހިމެނެއެވެ. މިއީ ޔަހޫދީ ގައުމިއްޔަތުގެ ގާނޫނާ ދެކޮޅަށް އިސްރާއީލުގެ ބައިގިނަ ޔަހޫދީން ތެދުވެ އިޙްތިޖާޖުކުރި ފުރަތަމަ ފަހަރެވެ.

ޓެލްއަވީވުގައި ކުރިޔަށްދާ މި އިހުތިޖާޖްތަކުގައި ބައިވެރިވަނީ ޒަޔަނިސްޓް ފިކުރުގައި ނުޖެހޭ މެދުމިނުގެ ޔަހޫދީންނެވެ. އިސްރާއީލުގެ ޔަހޫދީންގެ ތެރެއިން ހަރުކަށި ވިސްނުން ގެންގުޅެނީ ޒަޔަނިސްޓް ފިކުރުގެ ޔަހޫދީންނެވެ. ޔަހޫދީ ގައުމިއްޔަތުގެ ގާނޫނަކީ ޒަޔަނިސްޓް ފިކުރުގެ ޔަހޫދީން ބޭނުންވެގެން ފާސްކުރި ގާނޫނެކެވެ. ޒަޔަނިސްޓް ޔަހޫދީންނަކީ ފަލަސްތީނުގެ ރައްޔިތުން ފަލަސްތީނުގެ ބިމުން ބޭރުކޮށް އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރިއާއި ސީރިއާގެ ގޯލާންގެ ބިންތަށް އިސްރާއީލުގެ ތަންތަނުގެ ގޮތުގައި ހަމަޖެއްސުމަށް ގޮވާލާ ހަރުކަށި ފިކުރުގެ ޔަހޫދީންނެވެ.

އިސްރާއީލުގެ އާދާބީގައި 8.5 މިލިޔަން މީހުން ހިމެނޭއިރު އޭގެތެރެއިން 1.9 މިލިޔަން މީހުންނަކީ އަރަބީންނެވެ. އެއީ ގާތްގަނޑަކަށް އިސްރާއީލުގެ އާބާދީގެ 21 ޕަސަންޓެވެ. މީގެ އިތުރުން އެހެން ދަރިކޮޅުތަކުގެ ތިން ޕަސަންޓު މީހުންވެސް އިސްރާއީލުގެ އާބާދީގައި ހިމެނެއެވެ. އިސްރާއީލުގެ އަރަބިންގެ ތެރޭގައި ހިމެނެނީ ފަލަސްތީނުގެ ރައްޔިތުންނާއި ލުބްނާނުގެ ދުރޫޒް ދަރިކޮޅުގެ އަރަބިންނެވެ.

މުޒާހަރާކުރި މީހުން ވަނީ އެ ގާނޫނުގެ ސަބަބުން ޔަހޫދީން ފިޔަވައި އިސްރާއީލުގެ އެހެން ދަރިކޮޅުތަކުގެ ރައްޔިތުން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށްވެ އިސްރާއީލުގެ މުޖުތަމައުގައި އެމީހުން ބާކީވެދާނެ ކަމުގެ ބިރުހީވެފައިވާ ކަމަށް ބުނެ ޔަހޫދީ ގައުމިއްޔަތުގެ ގާނޫނު އުވާލުމަށް ގޮވާލާފައެވެ.

ޔަހޫދީ ގައުމިއްޔަތުގެ ގާނޫނުގައި ހިމެނޭ ނުރައްކާތެރި ކަންކަމުގެ ތެރޭގައި އިސްރާއީލުގެ ރަސްމީ ބަހަކީ ހަމައެކަނި ހިބްރޫ ބަސްކަމާއި އިސްރާއީލުގެ ވެރިރަށަކީ އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ގުދުސް ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ސީރިއާގެ ގޯލާންގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލު ހިންގާ ޣައިރު ގާނޫނީ އަމަލުތަކަކީވެސް އިސްރާއީލުގެ ގައުމީ މަސްލަހަތު ހިމާޔަތް ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކަމުގައި އެ ގާނޫނުގައި ބުނެފައިވެއެވެ.

އިސްރާއީލުން ޔަހޫދީ ގައުމިއްޔަތުގެ ގާނޫނެއް ފާސްކޮށް އިސްރާއީލަކީ ހަމައެކަނި ޔަހޫދީންނަށް ޚާއްސަ ގައުމެއްކަމަށް ހެދުމަށް މަސައްކަތްކުރާތާ އެތަށް އަހަރެއްވެފައިވިޔަސް މިދުވަސްވަރު މި ގާނޫނު ފާސްކޮށް ބައިނަލްއަގްވާމީ މުޖްތަމައަށް ގޮންޖަހަން އިސްރާއީލުގެ ވެރިންނަށް ކެރުނީ އަރަބި އެތައް ގައުމެއްގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގެ ސަބަބުން އަރަބިން ބަލިކަށިވެ އިސްރާއީލަށް ވާގިވެރިވާ އެމެރިކާގައިވެސް ހަރުކަށި ވިސްނުމުގެ ސަރުކާރެއް އޮތުމުން ކަމަށް ފަލަސްތީނުން ދެކެއެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް