ނާސާއިން އިރަށް ފޮނުވާލާ ސެޓެލައިޓު ލޯންޗުކޮށްފި

ނާސާއިން ވަނީ މިއަދު ސޯލާ ޕްރޯބް ލޯންޗުކޮށްފައި -- ފޮޓޯ: ނާސާ

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން އިރު ދިރާސާކުރުމަށް ފޮނުވާ ސެޓެލައިޓު މިއަދު ލޯންޗުކޮށްފިއެވެ.

ޕާކާ ސޯލާ ޕްރޯބްގެ ނަން ދީފައިވާ އެ ސެޓަލައިޓު ލޯންޗުކޮށްފައި ވަނީ ފްލޮރިޑާގެ ކޭޕް ކެނަވެރަލްއިންނެވެ. އަދި އެ ޕްރޯބް ލޯންޗުކޮށްފައި ވަނީ ދުނިޔޭގެ ދެވަނައަށް އެންމެ ބާރުގަދަ ރޮކެޓު ކަމަށްވާ ޑެލްޓާ ފޯ ހެވީ ރޮކެޓުގެ އެހީގައިއެވެ.

އެޕްރޯބް ލޯންޗު ކުރިތާ އެއް ގަޑިއިރު ފަހުން ނާސާއިން ވަނީ އެސްޕޭސްކްރާފްޓް ޖައްވުގެ ތެރެއަށް ދޫކޮށްލައިފިކަން އިއުލާނުކޮށްފައެވެ.

އެ ޕްރޯބަށް ނަން ދީފައި ވަނީ، އިރުގައި އުފެދޭ ސްޕައިރަލް މެގްނެޓިކް ފީލްޑާ ގުޅުން ހުރި، ތިއޮރީ އޮފް ޕާކާ ސްޕައިރަލްސް ތައާރަފުކުރި އެސްޓްރޯފިޒިސިސްޓު ޔޫޖީން ޕާކާއާ ގުޅުވާފައެވެ. އެއީ ދިރިހުރި މީހެއްގެ ނަން ނާސާގެ ސްޕޭސްކްރާފްޓަކަށް ދިން ފުރަތަމަ ފަހަރެވެ.

"މިހާ ހިސާބުން މި ފެށުނީ. ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް ގިނަ ކަންތައްތަކެއް ދަސްވާނެ،" ސެޓެލައިޓު ލޯންޗު ކުރި މަންޒަރު ބެލުމަށް ފަހު ޕާކާ ވިދާޅުވިއެވެ.

މީގެ ކުރިން ޕާކާ ޕްރޯބް ލޯންޗުކުރަން ހަމަޖެހިފައި އޮތީ އިއްޔެއެވެ. ނަމަވެސް ޓެކްނިކަލް މައްސަލަތަކާ ހެދި އެ ލޯންޗިންގް 24 ގަޑިއިރަށް ލަސްކުރީއެވެ.

ޕާކާ ސޯލާ ޕްރޯބަށް ނަން ދީފައި ވަނީ އެސްޓްރޯފިޒިސިސްޓު ޔޫޖީން ޕާކާއާ ގުޅުވާފަ -- ފޮޓޯ: ގެޓީ

އެ ޕްރޯބް ވާނީ ދުނިޔޭގެ ތާރީހުގައި އުފެއްދި، އެންމެ ހަލުވިކޮށް ދަތުރުކުރާ ސްޕޭސްކްރާފްޓަށް ކަމަށް ނާސާއިން ބުންޏެވެ.

އެގޮތުން އެ ޕްރޯބުގެ އެންމެ ބާރު ދުވެލީގައި ގަޑިއަކު 700،000 ކިލޯމީޓަރަށް ދަތުރުކުރެވޭނެކަމަށް ނާސާއިން ހާމަކުރެއެވެ.

އެ ސްޕޭސްކްރާފްޓް އެންމެ ފުރަތަމަ ދަތުރު ކުރާނީ ދުނިޔެއާ ކައިރީގައި އޮންނަ ވީނަސް ވަށައިގެންނެވެ. އަދި އެ ޕްލެނެޓުގެ ބިމަށް ދަމާބާރު (ގްރެވިޓީ) ބޭނުންކޮށްގެން އޭގެ ސްޕީޑު އިތުރުކޮށް، އިރާ ދިމާލަށް ދަތުރު ފަށާނެއެވެ.

ނާސާއިން ބުނާ ގޮތުގައި އެ މިޝަންގެ މައިގަނޑު މަގުސަދަކީ އިރުގެ އެންމެ ބޭރުގައިވާ ފަށަލަ ކަމަށްވާ ކޮރޯނާއިން މައުލޫމާތު އެއްކުރުމެވެ. އެގޮތުން ކޮރޯނާގެ ޕާޓިކަލްތަކާއި މެގްނެޓިކް އަދި އިލެކްޓްރިކް ފީލްޑްތައް ދިރާސާކޮށް، އިރުގައި ކަންތައްތައް ހިނގާ ގޮތް ހޯދަން އެ ސްޕޭސްކްރާފްޓުން މަސައްކަތް ކުރާނެއެވެ.

ހަތް އަހަރަށް ދެމިގެންދާނެ ކަމަށް ބެލެވޭ އެ މިޝަންގައި ސޯލާ ޕްރޯބުން މައުލޫމާތު ފޮނުވާނީ އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ސައިންސުވެރިންނަށެވެ.

އިރު ދިރާސާކުރުމުގެ މިޝަންއެއް ފެށުމަށް ނާސާއަށް އެންމެ ފުރަތަމަ ހުށަހެޅީ މީގެ 60 އަހަރު ކުރިންނެވެ. ނަމަވެސް އިރާ ގާތަށް ދެވޭނެ ސްޕޭސްކްރާފްޓެއް އިންޖިނިއަރުންނަށް އުފެއްދުނީ އަދި ކިރިޔާއެވެ.

ނާސާއިން ބުނާ ގޮތުގައި ޕާކާ ޕްރޯބްގެ ހުރިހާ އާލާތްތައް ވަނީ 4.5 އިންޗީގެ ބޯމިން ހުންނަ ކާބަން ކޮމްޕޯސައިޓް ޝީލްޑަކުން ރައްކާތެރިކުރެވިފައި އެވެ. އޭގެ ސަބަބުން އޭގެ އެތެރޭގެ ފިނިހޫނުމިން ހުންނާނީ 30 ސެލްސިއަސްގައި ހިފެހެއްޓިފައެވެ.

ނާސާއެކޭ އެއްގޮތަށް ޔޫރަޕިއަން ސްޕޭސް އޭޖެންސީންވެސް ދަނީ އިރު ދިރާސާ ކުރުމަށް ސްޕޭސްކްރާފްޓެއް ފޮނުވުމަށް ތައްޔާރުވަމުންނެވެ. ސޯލާ އޯބިޓާ ކިޔާ އެ ސްޕޭސްކްރާފްޓު ލޯންޗުކުރަން ހަމަޖެހިފައި ވަނީ 2020 ގައެވެ.

comment ކޮމެންޓް