ކެރަލާއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން 37 މީހަކު މަރުވެއްޖެ

ކެރަލާއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ގިނަ އަދަދެއްގެ ސަރަަހައްދުތަކުގައި ވަނީ ފެންބޮޑުވެފައި -- ފޮޓޯ: އޭޕީ

ދިއްލީ (އޮގަސްޓު 12): އިންޑިއާގެ ދެކުނުގައި އޮންނަ ކެރަލާ ސްޓޭޓަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 37 މީހަކު މަރުވެ، އެތައް ހާސް މީހުން ސަލާމަތީ ސަރަހައްދުތަކަށް ބަދަލުކުރަން ޖެހިއްޖެއެވެ.

ކެރަލާގެ ޑިޒާސްޓާ މެނޭޖްމެންޓު ކޮންޓުރޯލުން ބުނި ގޮތުގައި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ އިޑުކީ ޑިސްޓުރިކްޓަށެވެ. އަދި އެ ސަރަހައްދުން 18 މީހަކު މަރުވެފައިވެއެވެ.

ކެރަލާއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން އެ ސްޓޭޓުގެ 14 ޑިސްޓުރިކްޓެއް އިއްޔެ ވަނީ ހައި އެލާޓަށް ގެނެސްފައެވެ. އަދި 30،000 އަށް ވުރެ ގިނަ މީހުން ވަނީ ބިން ތިރި ސަރަހައްދުތަކުގައި އޮންނަ އަވަށްތަކުން ސަރުކާރުގެ ކޭމްޕުތަކަށް ބަދަލުކޮށްފައެވެ.

މީގެ އިތުރުން އެ ވިއްސާރައިގެ ސަބަބުން ކެރަލާގެ 1،031 ހެކްޓަރުގެ ދަނޑުބިމުގައި ފެންބޮޑުވެފައިވާ ކަމަށް އެ ސްޓޭޓުގެ ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީން ބުންޏެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރާ ގޮތުގައި މިމަހުގެ 15އާ ހަމައަށް ކެރަލާއަށް ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި އޭގެ ސަބަބުން އައްސޭރިފަށާ ގާތް ސަރަހައްދުތަކުގައި ފެންބޮޑުވުން އެކަށީގެންވެއެވެ.

(އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް