މިދިޔަ މަހު މީރާއަށް 2.1 ބިލިޔަން ރުފިޔާ ލިބިއްޖެ

މީރާގެ ހުޅުމާލެ ބްރާންޗު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ސީޖީ ޔަޒީދު ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ

މިދިޔަ މަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 2.1 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މީރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު ދެ ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ މީރާއިން މިދިޔަ މަހު ލިބޭނެކަމަށް ކުރިން ލަފާކޮށްފައި އޮތް ވަރަށް ވުރެ ޕަސެންޓެއް އިތުރު އަދަދެކެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ވިޔަފާރީގެ ފައިދާއިން ނަގާ ބީޕީޓީންނެވެ. އެގޮތުން، ބީޕީޓީގެ ގޮތުގައި، މިދިޔަ މަހު ވަނީ 934 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިފައެވެ. އެއީ މިދިޔަ މަހު ލިބުނު އާމްދަނީގެ 43 ޕަސެންޓެވެ.

ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ، އާންމުކޮށް ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބޭ ޖީއެސްޓީންނެވެ. ޖީއެސްޓީން ލިބުނު އާމްދަނީއަކީ، އޮގަސްޓް މަހުގެ އާމްދަނީގެ 24 ޕަސެންޓެވެ.

ތިންވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ބޭންކް ޕްރޮފިޓް ޓެކުހުންނެވެ. އެގޮތުން އާމްދަނީގެ 16 ޕަސެންޓް ހިއްސާކުރަނީ ބޭންކް ޕްރޮފިޓް ޓެކުހެވެ.

މީރާއިން ބުނީ މިދިޔަ މަހު އާމްދަނީ އިތުރުވީ، އެ މަހަކީ ބީޕީޓީ ދެއްކުމުގެ މުއްދަތު ހަމަވާ މަހަށް ވުމުން، ބީޕީޓީ ދެއްކި ވަރު އިތުރުވުމުންނެވެ.

މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީގެ ތެރޭގައި ހިމެނެނީ 47.7 މިލިޔަން ޑޮލަރާއި، 730 މިލިޔަން ރުފިޔާއެވެ.

comment ކޮމެންޓް