އެންމެންވެސް ވޯޓުލާ ފޮށި ޔަގީންކުރަން އިބޫ އެދިވަޑައިގެންފި

ހދ އަތޮޅަށް އިބޫ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ/ އެމްޑީޕީ

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރީ ރަޖިސްޓްރީކުރި މީހުންނާއި ރީ ރަޖިސްޓްރޭޝަނަށް ހުށަނާޅާ މީހުންވެސް ވޯޓުލާޖެހޭ ފޮށި ކަށަވަރުކޮށް ޔަގީންކުރުމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެދިވަޑައިގެންފިއެވެ.

ރީ ރެޖިސްޓްރީވާން ހުޅުވާލި ފުރުސަތު ރޭގެ ނިޔަލަށް ވަނީ ހަމަވެފައެވެ. އިއްޔެ ހަވީރާ ހަމައަށް 85،000 އަށްވުރެ ގިނަ މީހުން ރީ ރެޖިސްޓްރީކުރަން ހުށަހެޅި ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ. ޖުމްލަ އަދަދު އިލެކްޝަނުން އަދި ހާމައެއް ނުކުރެއެވެ.

ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޮރިވަރަންފަރަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހު ރައްޔިތުން ކުރަންވީ ކަމަކީ ވޯޓުލާ ފޮށި ކަށަވަރުކުރުން ކަމަށެވެ.

"ރީ ރެޖިސްޓްރީ ކުރެއްވި ބޭފުޅުންވެސް ނުކުރައްވާ ބޭފުޅުންވެސް ތިމަންނަ ވޯޓުލާން އޮތީ ކޮން ފޮށްޓަކަށްތޯ ބަލައި ކަށަވަރުކުރަން އެބަޖެހޭ. މި އޮޅި ގިރާކޮށްލެއްވިއްޖެއްޔާ އަޅުގަނޑު ހިތުން މިއޮތީ މި އިންތިހާބު ލިބިފައި." އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ރީ ރެޖިސްޓްރީކުރަން އެއްލައްކައަށް ވުރެ ގިނަ މީހުން ހުށަހެޅި ކަމަށް ހަބަރުތައް ލިބޭ ކަމަށާއި އެއްލައްކައަށް އަރާނަމަ އެއީ އޮޅުވާލުމެއް ކަމަށެވެ.

"މައުލޫމާތު ލިބޭގޮތުން އެއްލައްކައަށް ވުރެ ގިނަ މީހުން ތިމާ ވޯޓުލާތަން ނޫން ތަންތަނަށް ވޯޓުލާން އެބައޮތް ރީ ރެޖިސްޓްރީއަށް ހުށަހަޅާފައި. މިއީ އަޅުގަނޑުމެންނަށް ފެންނަ ހިސާބުތަކުން ބޮޑު އަދަދެއް. މި އަދަދު ނުކުތީ ކިހިނެތްތޯ ބަލަން އެބަޖެހޭ." އިބޫ ވިދާޅުވިއެވެ.

އޮފީސްތައް މެދުވެރިކޮށް ރީ ރަޖިސްޓްރީކުރި ބައެއް މުވައްޒަފުން ދެވަނަ ފަހަރަށް އަމިއްލައަށް ފޯމު ހުށަހަޅާފައި ހުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އިބޫ ވިދާޅުވިއެވެ. އަދި އެއްލައްކަ މީހުން ރީ ރަޖިސްޓްރީވި ކަމަށް ނިންމައިފިނަމަ އެއީ މައްސަލައެއް ކަމަށް އިބޫ ތަކުރާރުކޮށް ވިދާޅުވިއެވެ.

އިބޫގެ ސަރުކާރެއްގައި ކޮށްދެއްވާނެ ކަންތައްތަކާ ބެހޭގޮތުންވެސް އިބޫ ވާހަކަފުޅުދެއްކެވި އެވެ.

ހދ އަތޮޅަށް އިބޫ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ/ އެމްޑީޕީ

އިބޫ ވިދާޅުވީ މި ސަރުކާރުން ހިންގަން ފަށާފައި ހުރި ޕްރިޖެކްޓްތައްވެސް އޭނާ ވެރިކަމަށް އައުމަށް ފަހު ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ. އިބޫ ވިދާޅުވީ ނޮރިވަރަންފަރަށް ބަދަލުކޮށްފައިވާ އާއިލާތަކަށް ގެދޮރުގެ ދަތިކަން ހައްލުކޮށްދިނުމަށް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އަޅަން ފެށި ހައުސިންގް ޔުނިޓްތަކުގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.

"އިރާދަކުރެއްވިޔާ އެ ހައުސިންގް ޔުނިޓްތަކުގެ މަސައްކަތް ނިންމައި އަޅުގަނޑުމެން ތިބޭފުޅުން އެދިވަޑައިގަންނަވާ ކަހަލަ ހައްލެއް ގެނެސްދޭނަން،" އިބޫ ވިދާޅުވިއެވެ.

ނޮޅިވަރަންފަރުގައި ލޯކަލް ޓުއަރިޒަމް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ. ވިދާޅުވީ ރަށުގައި ތިބެގެން ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތަކެއް ފަހިވާ ގޮތަށް ލޯކަލް ޓުއަރިޒަމް ކުރިއަށް ގެންދާނެ ކަމަށެވެ.

އޭގެ އިތުރުން ރަށްރަށް ކުނިކަހާ ސާފުކުރާ ފަރާތްތަކަށް ދޭ އުޖޫރަ ބޮޑުކުރުމުގެ ގޮތުން އެކަމަށް ކަނޑައަޅާ ބަޖެޓު ބޮޑުކުރާނެކަމަށް އިބޫ ވިދާޅުވިއެވެ. އިބޫ ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ނޮޅިވަރަންފަރު ވެގެންދާނީ "ނަމޫނާ ޖަޒީރާވަންތަ ރަށަކަށް" ކަމަށެވެ.

comment ކޮމެންޓް