ލަންކާގެ ރެއިލްވޭ ޔޫނިއަންތަކުން ކުރިއަށްގެންދިޔަ އިހުތިޖާޖު ނިންމާލައިފި

ލަންކާގެ ރެއިލްވޭ ޓްރޭޑް ޔޫނިއަންތަކުން ކުރި އިހުތިޖާޖުގެ ސަބަބުން ރޭލުގެ ހިދުމަތް ހުއްޓުމަކަށް އައި -- ފޮޓޯ: ކޮލަމްބޯ ޕޭޖް

ކޮލަމްބޯ (އޮގަސްޓު 12): ސްރީލަންކާގެ ރެއިލްވޭ ޓްރޭޑް ޔޫނިއަން އެލަޔަންސް (އާރުޓީޔޫއޭ)އިން މިދިޔަ ހަފްތާއިން ފެށިގެން ކުރިއަށް ގެންދިޔަ އިހުތިޖާޖު މިއަދު ނިންމާލައިފިއެވެ.

އާރުޓީޔޫއޭއިން ބުނި ގޮތުގައި އެ އިހުތިޖާޖު ހުއްޓާލަން ނިންމީ ރައީސް މައިތިރިޕާލާ ސިރިސޭނާއާއެކު ބޭއްވި މަޝްވަރާތަކަށް ފަހުގައެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ އިހުތިޖާޖުގެ ބައިވެރިން ހުށަހެޅި މައްސަލަތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް އެ ޔޫނިއަނުން ބުންޏެވެ.

ލަންކާގެ ރެއިލްވޭ ހިދުމަތް ދިނުމުގައި ބައިވެރިވާ ގިނަ އަދަދެއްގެ މުވައްޒަފުން މިދިޔަ ބުދަ ދުވަހު މުޒާހަރާ ކުރަން ފެށީ އެމީހުންނަށް ދޭ މުސާރައިގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ އެވެ.

އަދި އެ އިހުތިޖާޖުގެ ސަބަބުން ބައެއް ރޭލުތައް ހުއްޓާލި ނަމަވެސް މިއަދުން ފެށިގެން ހުރިހާ ރޭލުތައްވެސް ދަތުރުކުރާނެކަމަށް އާރުޓީޔޫއޭއިން ބުންޏެވެ.

ލަންކާގެ ޑިޕާޓްމެންޓު އޮފް ރެއިލްވޭއިން ބުނި ގޮތުގައި އެ އިހުތިޖާޖުގެ ސަބަބުން އެ ޑިޕާޓްމެންޓަށް ވަނީ 70 މިލިއަން ރުޕީސް (437،636 ޑޮލަރު)ގެ ގެއްލުން ލިބިފައެވެ.

comment ކޮމެންޓް