"ލީނާ" މި އަހަރު އަޅުވާނެ، އީދަށް ފަހު ތާރީހު އެނގޭނެ

އައްޒަ އާއި މުއާ "ލީނާ"ގެ ޝޫޓިންގައި ނަގާފައިވާ ފޮޓޯ އެއް....

އަބްދުﷲ މުއާޒު (މުއާ) ކޯ ޕްރޮޑިއުސްކޮށް، އޭނާ ޑައިރެކްޓްކުރާ ފިލްމު "ލީނާ" މިއަހަރު އަޅުވާނެ ކަމުގެ ޔަގީންކަން އޭނާ ދީފި އެވެ.

"ލީނާ"ގެ އެންމެ ފަހުގެ އަޕްޑޭޓެއް ދެމުން މުއާ ސަން އަށް ބުނީ އީދަށް ފަހު "ފިލްމު އަޅުވާ ތާރީހެއް އިއުލާންކުރާނެ" ކަމަށާއި އަދި އީދަށް ފަހު ފިލްމުގެ ޕްރޮމޯޝަނަލްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ލީނާއަކީ މީގެ 16 އަހަރު ކުރިން އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. ފިލްމުގެ ސްކްރީން ޕްލޭ ލިޔުނީ އަހުމަދު ޒަރީރެވެ.

"ލީނާ"ގެ ޝޫޓިން ވަނީ މި އަހަރު ކުރީކޮޅު އއ. އުކުޅަހުގައި ނަގައި ނިންމައިފަ އެވެ.

"އީދަށް ފަހު ފިލްމުގެ ޓްރެއިލާ ދައްކާލާނަން. ތަފާތު ވާނެ. ޕޯސްޓަރުވެސް ވަރަށް ސަޕްރައިޒް ވާނެ. އީދަށް ފަހު ފިލްމުގެ ޕްރޮމޯޝަނަލްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާނެ. ތާރީހު ވެސް އިއުލާން ކުރާނެ،" މުއާ ބުންޏެވެ.

މި ވަގުތު އެހެން ޝޫޓިންއެއްގައި ރާއްޖެތެރޭ ރަށެއްގައި ހުރި މުއާ ބުނީ މި ފިލްމަކީ ބެލުންތެރިން ގަޔާވާނެ ރީތި ފިލްމެއް ކަމަށާއި ފިލްމުގެ މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

ކުރިން މި ފިލްމު އޮލިމްޕަހުގެ ސްކްރީނަށް ގެންނަން ނިންމީ މި އަހަރުގެ އޭޕްރިލް ނުވަތަ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް ސިޔާސީ ކަންތައްތަކުގެ ސަބަބުން ފިލްމު ވަނީ ފަސްކޮށްފަ އެވެ.

"މިހާރު އެހެން ޝޫޓިން އެއްގައި މިއުޅެނީ. ލީނާ ފިލްމުގައި އެބަހުރި އަދި ޝޫޓްކުރަން ޖެހޭ ބައެއް މަންޒަރުތަކެއް. އެކަމަކު އެ މަސައްކަތް ފަށާނީ މިހާރު ޝޫޓްކުރާ ފިލްމުގެ ޝޫޓިން ނިންމާލައިފައި،" މުއާ ބުންޏެވެ.

ރާއްޖެ ސިއްސުވާލި ބޮޑު ހާދިސާއެއް އަސްލަކަށް ބަލައިގެން އުފައްދާ މި ފިލްމުގެ ލީޑް ތަރި "ލިނާ"ގެ ރޯލުން ފެންނާނީ މިހާރު ދިވެހި ސިނަމާގައި ހުރި އެންމެ ޑިމާންޑު ބޮޑު ބަތަލާ މަރިޔަމް އައްޒަ އެވެ.

ލީނާގެ ގާތިލް ނުވަތަ "ޒުހޫރު"ގެ ރޯލުން ފެންނާނީ މުއާ އެވެ. މި ފިލްމަކީ މުއާ އާއި އައްޒަ އެކުގައި ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ. މީގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) އާއި ނުޒުހަތު ޝުއައިބު (ނުޒޫ)، މަރިޔަމް ހަލީލް (ރަވީ މަންމަ) އަދި އަހުމަދު ނިމާލު، އަހުމަދު ސައީދު އަދި ޒީނަތު އައްބާސް ވެސް މި ފިލްމުން ފެންނާނެ އެވެ.

ފިލްމުގައި ދޮން އައްޔަ ކުޅޭނީ ލީނާގެ ލޯބިވެރިޔާގެ ރޯލެވެ. މަރިޔަމް ހަލީމްއަކީ ލީނާގެ މަންމަ އެވެ. ނުޒުހަތު (ނުޒޫ) ކުޅޭނީ ލީނާގެ ބެސްޓް ފްރެންޑްގެ ބައެވެ. ސައީދު އަދާކުރާނީ ކައުންސިލުގެ ރައީސްގެ ރޯލެވެ.

މި ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ނިމާލު ހަރަކާތްތެރިވާނެ އެވެ. ޕްރޮޑިއުސަރުންނަކީ މުއާ އަދި ސައްޔާހު އައްބާހެވެ.

"މިއީ މުޖްތަމައުގައި މިހާރު ވެސް ހިނގާ މައްސަލަތަކަށް އަލިއަޅުވާލާނެ ފިލްމެއް. އިންސާނީ ހުދޫދުގެ ބޭރުން މި ހިނގާ، މީހުން މެރުމާއި މާރާމާރި ފަދަ ކަންތައް، މީހުންނަށް އިހުތިރާމް ނުކުރުން ފަދަ ކަންތަކަށް ވަރަށް ބޮޑަށް ފޯކަސްކޮށްފައި އިންނާނެ،" ލީނާގެ އެއް ޕްރޮޑިއުސަރު މުއާ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ދިވެހި ސިނަމާއަށް އަންނަ އެ ފިލްމަކީ އަމިއްލަ ރާގުގެ ތިން ލަވަ ހިމެނޭ، ބެލުންތެރިން ވެސް އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.

comment ކޮމެންޓް