އެމެރިކާގެ ބަދަލުގައި އެހެން ބައިވެރިން ހޯދަން ތުރުކީން މަސައްކަތް ކުރަނީ

އަންކަރާ (އޮގަސްޓް 12) : އެމެރިކާގެ ބަދަލުގައި އެހެން ބައިވެރިން ހޯދަން ތުރުކީން މަސައްކަތް ކުރާކަމަށް އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ނިޔުޔޯކް ޓައިމްސްގައި ލިޔުއްވާފައިވާ މަޒްމޫނެއްގައި އުރުދުޣާން ވިދާޅުވީ އެމެރިކާ ތުރުކީއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކާ ގުޅިގެން ދެގައުމުގެ އިތުބާރު ގެއްލިފައިވާ ކަމަށާ އެހެންކަމުން އެމެރިކާގެ ބަދަލުގައި އެހެން ބައިވެރިން ހޯދަން ތުރުކީއަށް ޖެހިފައިވާ ކަމުގަ އެވެ. އެ މަޒްމޫނުގައި އުރުދުޣާން ވިދާޅުވެފައި ވަނީ އެމެރިކާ ފިޔަވަޅެއް އެޅުމުން އޭގެރައްދުގައި ތުރުކީން ފިޔަވަޅެއް ނާޅާނެ ކަމަށް އެމެރިކާއަށް ހީވާ ނަމަ އެއީ ގޯހެއްކަމަށާއި އެމެރިކާގެ ކޮންމެ ފިޔަވަޅަކަށް ތުރުކީ ވެސް ފިޔަވަޅެއް އަޅާނެކަމުގަ އެވެ.

ތުރުކީ އާއި އެމެރިކާއާ ދެމެދު ޖެހިފައިވާ މައްސަލަތަކުގެ ތެރޭގައި ތުރުކީގެ ވެރިކަން ފުރޮޅާލުމަށް 2016 ވަނަ އަހަރު ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތުގެ ފަހަތުގައިވާ ކަމަށް ތުހުމަތުކުރެވޭ ފަތްހުﷲ ގުލެން އަށް އެމެރިކާ އިން ހިޔާވަހިކަން ދިނުމާއި ސޫރިޔާގެ ކުރުދީ ހަނގުރާމަވެރި ޖަމާއަތްތަކަށް އެމެރިކާ އިން އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާއި ރަޝިޔާގެ ބައެއް ހަތިޔާރު ގަތުމަށް ތުރުކީ ނިންމި ނިންމުން ހިމެނެ އެވެ. އަދި އީރާނާދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް ވެސް ތުރުކީ ވަނީ ދެކޮޅުހަދައިފަ އެވެ.

ތުރުކީގެ ފައިސާ ކަމަށްވާ ލީރާގެ އަގު ދަށަށްދާ މައްސަލައިގެ ފަހަތުގައި ވަނީ ވެސް އެމެރިކާ ކަމަށް ތުރުކީ ޝައްކުކުރެ އެވެ. މިމައްސަލާގައި އުރުދުޣާން ވަނީ ބަޔަކު ތުރުކީއާ ދެކޮޅަށް އިގްތިސާދީ އަދި މާލީ ހަނގުރާމައެއް އިއްލާންކޮށްފައިވާ ކަމަށާ އެއީ 2016 ވަނަ އަހަރު ތުރުކީވިލާތާ ދެކޮޅަށް ބަޣާވާތް ގެންނަން މަސައްކަތްކުރި ފަރާތްތަކަށް ވެސް އެހީތެރިވި މީހުން ކަމަށް ވިދާޅުވެ ނުސީދާގޮތެއްގައި އުރުދުޣާން ވަނީ އެމެރިކާއަށް ތުހުމަތުގެ އިނގިލި ދިއް ކުރައްވާފަ އެވެ.

ތުރުކީގެ ލީރާގެ އަގު ވަނީ 330 އިންސައްތަށް ދަށަށްގޮސްފަ އެވެ. މިކަމުގެ ސަބަބުން ތުރުކީގެ އިގްތިސާދަށް ވަނީ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. އަދި ތުރުކީން ހައްޔަރުކޮށްފައިވާ އެމެރިކާގެ ފާދިރީ އެއްކަމަށްވާ އެންޑްރޫ ބްރަންސޮންގެ މައްޗަށް ތުރުކީގެ ކޯޓްތަކުގައި ޝަރީއަތް ހިންގާ މައްސަލާގައި ހިތްހަމަނުޖެހިގެން އެމެރިކާ ވަނީ ތުރުކީގެ ދެވަޒީރަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ. ރައްދުގައި ތުރުކީންވެސްވަނީ އެމެރިކާގެ ދެ ވަޒީރަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ.

މީގެއިތުރުން އެމެރިކާއަށް އެތެރެކުރާ ތުރުކީވިލާތުގެ ދަގަނޑާއި އެލްމެނިޔަމްގެ ބާވަތްތަކުން އިތުރު ޓެރިފް އެއް ނަގަން ޓްރަމްޕް ނިންމެވި ނިންމެވުމާ ގުޅިގެންވެސްވަނީ ތުރުކީއާއި އެމެރިކާގެ ގުޅުންތަށް އިތުރަށް ގޯސްވެފަ އެވެ. ރައްދުގައި ތުރުކީން ވެސް ވަނީ އެގައުމަށް އިންޕޯޓްކުރާ އެމެރިކާގެ ބައެއް މުދަލުން އިތުރު ޓެރިފެއް ނަގާނެކަމަށް ބުނެފަ އެވެ. އެމެރިކާގެ ބަދަލުގައި އެހެން ބައިވެރިން ހޯދަން ތުރުކީން މަސައްކަތްކުރުމަށް ނިންމުމަކީ އެމެރިކާއަށް ތުރުކީގެ ރަހްމަތްތެރިކަން ގެއްލިގެންދާނެ ކަމުން މިއީ އެމެރިކާއަށް ކުރިމަތިވާނެ ބޮޑު މައްސަލައެއް ކަމަށް މުރާސިލުން ބުނެ އެވެ.

އުރުދުޣާން ވަނީ އެމެރިކާގެ ޑޮލަރު ފިޔަވައި އެހެން ފައިސާއަކުން (ޗައިނާގެ ޔުވާން ނޫނީ ރަޝިޔާގެ ރުބެލް ނޫނީ ތުރުކީގެ ލީރާ) ފަދަ ޗައިނާއާއި ރަޝިޔާއާއި އީރާނާއި ތުރުކީ އާ ދެމެދު ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ވިދާޅުވެފަ އެވެ. މިހަތަރު ގައުމަކީ ވެސް އެމެރިކާގެ ފިޔަވަޅުތައް އަމާޒުކުރާ ހަތަރު ގައުމެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް