ދަރަނި ބޮޑުވެފައިވާ އެއާ އިންޑިއާގެ މުވައްޒަފުންނަށް މުސާރަ ނުދެވިފައި

އެއާ އިންޑިއާގެ މަތިންދާބޯޓެއް: މިއީ މުސާރަ ލަސްވި ފަސް ވަނަ ފަހަރު.

ދަރަނި ބޮޑުވެ، ބަނގުރޫޓުވާން ކައިރިވެފައިވާ އެއާ އިންޑިއާގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ނުދެވި ލަސްވުމުން ޝަކުވާ ބޮޑުވެއްޖެއެވެ.

އިންޑިއާގެ ގައުމީ އެއާލައިން ކަމަށްވާ އެއާ އިންޑިއާގައި 11،000 ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާއިރު، އެއްވެސް މުވައްޒަފަކަށް މިދިޔަ މަހުގެ މުސާރަ މިހާތަނަށް ޖަމާކޮށްދީފައި ނުވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެއާ އިންޑިއާއިން މުވައްޒަފުންނަށް އަންގާފައިވަނީ، މުސާރަ ލަސްވެގެން އުޅެނީ "އެއާލައިނަށް ބާރު ނުފޯރުވޭ ފަދަ ކަންތައްތަކެއް ކުރިމަތިވުމުން" ކަމަށެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި ހުރިހާ މުވައްޒަފުންގެ މުސާރަ ޖަމާކުރެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެއާ އިންޑިއާއިން ބުނެއެވެ.

ޕްރައިވަޓައިޒް ކުރަން އުޅުމަށް ފަހު އެކަން މަޑުޖައްސާލާފައިވާ އެއާ އިންޑިއާގެ މުވައްޒަފުންގެ މުސާރަ މާޗު މަހުން ފެށިގެން އަންނަނީ ވަރަށް ބޮޑަށް ލަސްވަމުންނެވެ. މުސާރައިގެ މައްސަލަ ދިމާވުމުގެ ކުރިން އާންމުކޮށް ކޮންމެ މަހެއްގެ 30 ނުވަތަ 31 ވަނަ ދުވަހު އެއާ އިންޑިއާއިން މުވައްޒަފުންނަށް މުސާރަ ޖަމާކުރެއެވެ.

އެއާ އިންޑިއާގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވުމުން މިހާރު އެ އެއާލައިން ހިންގަމުން އަންނަނީ އިންޑިއާ ސަރުކާރުން ބަޖެޓު ސަޕޯޓުގެ ގޮތުގައި ދީފައިވާ ފައިސާއިންނެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ބަޖެޓު ސަޕޯޓުގެ ގޮތުގައި، އިތުރު 142 މިލިޔަން ޑޮލަރު އެއާ އިންޑިއާއަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އެއާ އިންޑިއާގެ ދަރަނި 6.95 ބިލިޔަން ޑޮލަރަށް އަރައެވެ.

comment ކޮމެންޓް