105 ދިރާސާއާ އެކު އެމްއެންޔޫ "ތެވެލި" ކޮންފަރެންސް ފަށައިފި

ތެވެލި ކޮންފަރެންސްގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަތޭކަ ފަސް ދިރާސާ އާ އެކު ގައުމީ ޔުނިވާސިޓީގެ "ތެވެލި 2018" ބައިނަލްއަގްވާމީ ރިސާޗް ކޮންފަރެންސް މިއަދު ފަށައިފި އެވެ.

ރާއްޖޭގައި ދިރާސާތައް ކުރުން އިތުރުކޮށް ދިރާސާ ކުރާ މާހައުލެއް ގާއިމުކުރުމުގެ ގޮތުން ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ބާއްވަމުން އަންނަ އެ ކޮންފަރެންސް އަކީ ހުރިހާ ދާއިރާއެއް ހިމެނޭ ގޮތަށް ބާއްވާ ކޮންފަރެންސް އެކެވެ.

އެމްއެންޔޫގެ ޑީން އޮފް ރިސާޗް ޑރ. ރަހީމާ އަބްދުލްރަހީމް "ސަން" ވިދާޅުވީ 250 ބައިވެރިންނާ އެކު މިއަދު ފެށިގެންދިޔަ ކޮންފަރެންސް ކުރިއަށްދާނީ މާދަމާގެ ނިޔަލަށް ކަމަށެވެ.

"މި ކޮންފަރެންސްގައި ޖުމްލަ 105 ދިރާސާ އެއް ހުށައަޅާނެ. ރާއްޖެ އިން އެކަނި ވެސް ފަންސާހަށް ވުރެ މަތީ އަދަދަކަށް ދިރާސާ ހުށައަޅާނެ،"

ތެވެލި ކޮންފަރެންސްގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކޮންފަރެންސް "ތެވެލި 2018"ގައި 12 ދާއިރާ އަކަށް ހާއްސަކޮށް ކަރުދާސް ހުށައެޅުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޔޫ އިން ބުންޏެވެ.

އެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ރިސާޗަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ޑރ. ރަހީމާ ކުރިން ވިދާޅުވީ މިއަހަރުގެ ކޮންފަރެންސްގައި ރާއްޖެ އިން ބޭރުގެ ފުންނާބު އުސް ހަތަރު ބޭފުޅަކު ހަތަރު ކީ ނޯޓް ސްޕީޗް ދެއްވާނެ ކަމަށެވެ. އެއީ އޮސްޓްރޭލިއާގެ ދެ ބޭފުޅަކާއި ނިއުޒީލެންޑްގެ ބޭފުޅެއްގެ އިތުރުން މެލޭޝިއާގެ ބޭފުޅެކެވެ.

އެމްއެންޔޫގެ "ތެވެލި"ކޮންފަރެންސްގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ފަހަރުގެ ކޮންފަރެންސްގައި ސިއްހަތާއި، ތައުލީމާއި ޓުއަރިޒްމް، ބިޒްނަސްގެ އިތުރުން އިސްލާމީ ޝަރީއާ ފަދަ ދާއިރާތަކުން ދިރާސާތައް ކޮންފަރެންސްގައި ހުށައަޅާނެ އެވެ.

"ތެވެލި 2018"ގައި އިންޑިއާ، އޮސްޓްރޭލިއާ، ސްރިލަންކާ، މެލޭޝިޔާ އަދި ގަތަރު ފަދަ ގައުމުތަކުން ބައިވެރިވެ އެވެ.

މިއީ އެމްއެންޔޫއިން ތެވެލި ކޮންފަރެންސް ބާއްވާ ދެވަނަ ފަހަރެވެެ. އެމްއެންޔޫ އިން އެންމެ ފުރަތަމަ ތެވެލި ކޮންފަރެންސް ބާއްވައިފައި ވަނީ މިދިޔަ އަހަރު އެވެ.

comment ކޮމެންޓް