ސެމްސަންގް ގެލެކްސީ ނޯޓް 9އިން ނަގާ ފޮޓޯ ހަޑިވެއްޖެ ނަމަ، އެކަން އަންގައިދޭ

ސެމްސަންގް ނޯޓް 9އިން ނަގާ ފޮޓޯއެއްގައި މީހެއްގެ ލޯމެރިފައިވާ ނަމަ އެކަން އަންގައިދޭ -- ފޮޓޯ: ސެމްސަންގް

ފޯނުން ނަގާ ފޮޓޯ ހަޑިވެއްޖެ ނަމަ، ވަގުތުން އެކަން އަންގައިދޭ ޓެކްނޮލޮޖީއާ އެކު ސެމްސަންގުން ގެލެކްސީ ނޯޓް 9 ތައާރަފްކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސެމްސަންގުން ދައްކާލި ފޯނުގެ ކެމެރާގައި ވަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރެވޭ ގޮތް ހަދާފައި އެވެ. އެގޮތުން ފޮޓޯ ނުސާފު ނަމަ ނުވަތަ ފޮޓޯގައި ހުރި މީހަކު ލޯ މެރިފައިވާ ނަމަ އެފޯނުން އަންގައިދޭނެ އެވެ.

އަދި ފޮޓޯ ނަގަނީ ކޮން އެއްޗެއްގެކަން ދެނެގަނެ، އޭގެ އެންމެ ރީތި ފޮޓޯ ނެގޭނެ ގޮތަށް ކެމެރާ ސެޓިންސް ބަދަލުވާނެ ފީޗާއެއް ވެސް ވަނީ ހިމަނައިފަ އެވެ.

ސެމްސަންގު ގެލެކްސީ ނޯޓް 9އާ އެކު ލިބޭ ސްޓައިލަސް ރިމޯޓެއްގެ ގޮތުގައި ބޭނުން ކުރެވޭ -- ފޮޓޯ: ސެމްސަންގް

މީގެ އިތުރުން ނޯޓް 9ގައި ބުލޫޓޫތުން ގުޅާލެވޭ ސްޓައިލަސްއެއް ހިމެނެ އެވެ. އެހެންކަމުން އެސްޓައިލަސް ރިމޯޓު ކޮންޓްރޯލެއް ގޮތަށް ވެސް ބޭނުން ކުރެވޭނެ އެވެ. އަދި ފޮޓޯއެއް ނެގުމަށާއި ވީޑިއޯއެއް ޕްލޭކޮށް ޕޯސް ކުރުމަށާއި ޕަވާޕޮއިންޓު ސްލައިޑުތައް ބަދަލު ކުރުމަށް ސްޓައިލަސް ބޭނުން ކުރެވޭނެ އެވެ.

ނޯޓް 9ގެ ސްކްރީނުގައި 6.4 އިންޗި ހުންނަ އިރު އެފޯނުގައި އެއް ޓެރަބައިޓުގެ ޑާޓާ ރައްކާ ކުރެވޭނެ އެވެ.

މިމަހުގެ 24ގައި ވިއްކަން ފަށާ ނޯޓް 9ގެ 128 ޖީބީ މޮޑެލް ވިއްކަނީ 1،000 ޑޮލަރަށެވެ. އަދި 512 ޖީބީގެ މޮޑެލް ވިއްކާނީ 1،300 ޑޮލަރަށެވެ.

comment ކޮމެންޓް