ޕަރިނީތީއާއި ސިދާތު އަނެއްކާވެސް އެކުގައި

ސިދާތް އަދި ޕަރިނީތީ--

ޕަރިނީތީ ޗޯޕްރާ އަދި ސިދާތު މަލޯތުރާ އާއެކު، އެކްތާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "ޖަބަރިޔާ ޖޯޅީ" ގެ މަސައްކަތް ފަށައިފިއެވެ.

މިއީ ޕަރިނީތީއާއި ސިދާތު އެކުގައި ފެނިގެންދާނެ ފިލްމެވެ. ދެ ފަންނާނުން ވަނީ މީގެ ކުރިން 2014 ވަނަ އަހަރު ފިލްމު "ހަސީ ތޯ ފަސީ" ގައި ވެސް އެކުގައި މަސައްކަތް ކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހު ފިލްމުގެ ޝޫޓިން ފަށައިފައި ވަނީ އިންޑިއާގެ ލަކްނައުގައެވެ. ޚަބަރުތައް ބުނާގޮތުން ކުރިން އެ ފިލްމަށް ދީފައިވާ ނަމަކީ "ޝޮޓްގަން ޝާދީ"އެވެ.

ޕްރަޝާންތު ސިންހް ޑައިރެކްޓުކުރާ އެ ފިލްމަކީ އިންޑިއާގައި ބޮޑުވެފައިވާ މަޖުބޫރުން ނުވަތަ ގަދަކަމުން ކައިވެނިކުރުވުމުގެ މައްސަލައަށް އަލިއަޅުވާލައި އުފައްދާ ފިލްމެކެވެ.

ފިލްމުގެ ވާހަކަ ލިޔުނު ސަންޖީވް ކޭ ޖާ ބުނީ، އެފަދަ ކައިވެނިތައް ކުރުވާކަން އެނގޭ ކަމަށާއި، ނަމަވެސް ކިހާ މިންވަރަކަށްކަން އަންދާޒާވެސް ކޮށްލެވިފައި ނުވާ ކަމަށެވެ.

ފިލްމު ގެނެސްދޭނީ ބަލާޖީ ޓެލެފިލްމްސް އަދި ކަރްމާ މީޑިއާ އެންޓަޓެއިންމެންޓް ގުޅިގެންނެވެ.

ކުރިއަށް ހުރި މަސައްކަތްތަކަށް ބަލައިލާއިރު، "ޖަބަރިޔާ ޖޯޅީ"ގެ މަސައްކަތް ނިމުމާއެކު، ވިކްރަމް ބަޓްރާގެ ބަޔޮޕިކްގެ މަސައްކަތް ސިދާތު ފަށާނެއެވެ. ޕަރިނީތީގެ ތިން ފިލްމެއް ކުރިއަށް އެބަ އޮތެވެ. އެއީ "ކޭސަރީ"، "ސަންދީޕް އޯރް ޕިންކީ ފަރާރް" އަދި "ނަމަސްތޭ އިންގްލޭންޑް"އެވެ.

comment ކޮމެންޓް