"މާމުއި"ގެ ޝޫޓިން ފަށައި، ބާރު ސްޕީޑުގައި ކުރިއަށްދަނީ

"މާމުއި"ގައި ހަރަކާތްތެރިވާނެ ބައެއް ތަރިން---

ބޮޑު ކާސްޓެއް ފެނިގެންދާ ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމު "މާމުއި"ގެ ޝޫޓިން ފަށައި ފިލްމުގެެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނެފި އެވެ.

މާލޭގައި ފިލްމުގެ ބޮޑު ބައެއް ޝޫޓްކުރާ އެ ފިލްމުގެ ބައެއް މަންޒަރުތައް ކަނޑުމަތީގައި ވެސް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.

ކާމިޔާބު ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ އެ ފިލްމަކީ ޑާކްރެއިންގެ ޓީމުން އުފައްދާ އެންމެ ބޮޑު އަދި އެންމެ ތަފާތު ޕްރޮޖެކްޓެވެ.

ފިލްމުގެ ޝޫޓިން ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ސަން އަށް މައުލޫމާތު ދެމުން މޮގާ ބުނީ ޝޫޓިން ކުރިއަށްދާނީ ދެ މަސް ދުވަހުގެ މުއްދަތަކަކަށް ކަމަށެވެ. ޝޫޓިން ކުރިއަށްދާ ގޮތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ހުރިހާ ކާސްޓުންގެ މަސައްކަތާ މެދު ވެސް ހިތްހަމަޖެހޭ ކަމަށް މޮގާ ބުންޏެވެ.

"ވަރަށް ސަޅިކޮށް ޝޫޓިން ކުރިއަށްދަނީ. ވަރަށް މަޖާކޮށް. ހުރިހާ ތަރިންގެ ވެސް ފުލް ސަޕޯޓް ލިބޭ. މަސައްކަތް ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހޭ،"

"މާމުއި" އަކީ އައިޝަތު ފުއާދު އަދި އަލީ ޝިފާއުގެ ސްކްރީން ޕްލޭ އަކަށް ތައްޔާރުކުރާ ތަފާތު ފިލްމެކެވެ.

މާމުއިގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރު އެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

ފިލްމު މާމުއި އިން މި ދާއިރާ އަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ ވެސް ހިމެނޭނެ އެވެ.

"މާމުއި" ރިލީޒްކުރާނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ އެއް ވަނަ ދުވަހު އެވެ.

ޑާކްރެއިން އިން އެންމެ އަވަހަށް ސްކްރީނަށް ގެންނާނެ ފިލްމަކީ އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ގެނެސްދޭ "ގޮށްރާޅު" އެވެ.

comment ކޮމެންޓް