އިންޑޮނޭޝިއާއަށް އައި ބިންހެލުމުގައި މަރުވި މީހުން އަދަދު 387 އަށް އަރައިފި

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމުގައި ގެެއެއް ބިމާ ހަމަވެފައި --- ފައިލް ފޮޓޯ

މިދިޔަ ބުރާސްފަތި ދުވަހު އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 387 އަށް އަރައިފިއެވެ.

އެ ގައުމުގެ ނޫސްތަކުން ބުނާގޮތުގައި، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެގައުމުގެ ލޮމްބޯކަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 387 އަށް އަރާފައިވާއިރު ބިންހެލުމުގެ ސަބަބުން ޒަހަމްވެފައިވާ މީހުންގެ އަދަދު 13،688 އަށް އަރައެވެ. އަދި ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު 378،067 އަށް އަރާކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.

އެ ގައުމުގެ ނޫސްތައް ބުނާ ގޮތުގައި ބިންހެލުމުގެ ސަބަބުން ގެއްލުންވި މީހުންނަށް އެހީވުމަށް "ރެޑް ކްރޮސް" އިން ދަނީ މަސައްކަތް ކުރަމުންނެވެ.

"ރެޑް ކްރޮސް"ގެ ފަރާތުން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވިގޮތުގައި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިދާނެ ކަމުގެ ބިރައްޓަކައި ގިނަ ބަޔަކު ފަރުބަދަ ހުންނަ ސަރަހައްދުތަކަށް ދަނީ ހިޖުރަކުރަމުންނެވެ.

ބިންހެލުމުގެ ސަބަބުން ވެއްޓިފައިވާ އިމާރަތްތަކުގައި ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށާއި ސަލާމަތް ކުރާ މީހުންނަށް އަވަސް ފަރުވާވެސް ދެމުންދާކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ.

މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުވެސް އިންޑޮނޭޝިއާގެ ލޮމްބޯކަށް 6.9 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައެވެ. އެ ބިންހެލުމުގައި 131 މީހުން މަރުވެ، ގެދޮރު ނެތިފައިވާ މީހުންގެ އަދަދު 156،000 އަރާކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް