އިންދިރާ ގާންދީގެ ހަޔާތުގެ މައްޗަށް ވެބް ސިރީޒެއް!

އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އިންދިރާ ގާންދީ އާއި ވިދްޔާ ބާލަން، އިންދިރާގެ ހަޔާތަށް ހަދާ ވެބް ސީރީޒް ކުޅެނީ ވިދްޔާ....

އަވަހާރަކޮށްލި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު، އިންދިރާ ގާންދީގެ ހަޔާތުގެ މައްޗަށް ވެބް ސީރީޒެއް އުފައްދަން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

އިންދިރާ ގާންދީގެ ހަޔާތުގެ މައްޗަށް މީގެ ކުރިން ވަނީ ފޮތެއް ވެސް ނެރެފަ އެވެ. ނަމަވެސް ވާހަކަ ކިޔާލުމުން މީހެއްގެ ހަޔާތުގައި ހިނގާފައިވާ މުހިއްމު ކަންތައްތައް ހިތަށް ނުގަނެވޭނެ ކަމަށް ގަބޫލު ކުރެވޭތީވެ، ބޮލީވުޑްގެ މަޝްހޫރު ބަތަލާ ވިދްޔާ ބާލަން ލައިގެން ފިލްމެއް އުފައްދަން އުޅޭ ކަަމަށް މީގެ ކުރިން ވަނީ އަޑުފެތުރިފަ އެވެ.

ނަމަވެސް ފަހުގެ ހަބަރުތަކުން ބުނަނީ އިންދިރާގެ މައްޗަށް އުފައްދަނީ ފިލްމެއް ނޫން ކަމަށެވެ. އެއީ ވެބް ސީރީޒެއް ކަމަށެވެ.

"ޑާޓް ޕިކްޗާ" އާއި "ކަހާނީ" ފަދަ ފިލްމުތަކުން ކުޅަދާނަ ހުނަރު ދައްކާފައިވާ ވިދްޔާ ބުނެފައި ވަނީ އިންދިރާގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދާ ވަރަށް ވުރެ މާ ގިނަ ކަންތައްތަކެއް އޭނާގެ ހަޔާތުގައި ހިންގާފައިވާ ކަމަށެވެ.

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ވިދްޔާ،

"ފިލްމެއް އުފައްދާ ވަރަށް ވުރެ މާގިނަ މުހިއްމު ކަންތައްތަކެއް އިންދިރާގެ ހަޔާތުގައި ހިމެނޭ، އެހެންވެ ވެބް ސީރީޒެއް ހަދަން ނިންމީ ވެސް، ނޭނގެ ކިތައް ސީޒަން ކަމެއް އަދި ކޮންމެ ސީޒަނެއްގައި ކިތައް އެޕިސޯޑް ހިމެނޭނެ ކަމެއް ވެސް،" "ބޭގަމް ޖާން" އިން ވެސް ފެނިގެން ގޮސްފައިވާ ވިދްޔާ ބުނެފައިވެ އެވެ.

ނަވާރަސަތޭކަ އަށްޑިހަ ހަތަރު ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު އަވަހާރަކޮށްލާފައިވާ އިންދިރާގެ ހަޔާތުގެ މައްޗަށް އުފައްދަން އުޅޭ ވެބް ސީރިޒާ ބެހޭ ގޮތުން އިތުރަށް ވިދްޔާ ބުނެފައި ވަނީ އެ ސީރީޒް ހެދުމަށް އިންދިރާގެ އާއިލާގެ ރުހުން ހޯދާކަށް ނުޖެހޭނެ ކަމަށާއި އެ ސީރީޒް ހަދަނީ ލިޔެފައިވާ ވާހަކަ އެއްގެ މައްޗަށް ކަމަށެވެ. ވިދްޔާ ބުނެފައި ވަނީ ވެބް ސީރީޒް ބެލުންތެރިނާ ހަމަޔަށް އަންނާނެ ވަކި ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ.

"ބުނާކަށް ނޭނގެ މީގެ މަސައްކަތް ނިމި ބެލުންތެރިންނާ ހަމަޔަށް އަންނާނެ ދުވަހެއް. ކާސްޓުން ވެސް އަދި ޖެހޭނެ ހޯދަން. އަނެއްކާ އެއީ ބުރަ މަސައްކަތަކަށް ވާނެ، ބައިވަރު ރިސާޗްތައް ވެސް ކުރަން ޖެހޭ." ވިދްޔާ ބުނެފައިވެ އެވެ.

comment ކޮމެންޓް