ޕްރޮޑިއުސަރަކަށް ވާން ބޭނުން: ރާޖްކުމާރު

ކޮންމެސް ދުވަހަކުން ފިލްމު ޕްރޮޑިއުސް ކުރަން ބޭނުންވާ ކަމަށް ކުޅަދާނަ އެކްޓަރު ރާޖްކުމާރު ރާއޯ ބުނެފިއެވެ.

ރާޖްކުމާރު މިހާތަނަށް ކުޅުނު ކޮންމެ ފިލްމެއްގައި ވެސް އޭނާގެ ފަރާތުން މޮޅު އެކްޓިން އެއް ވަނީ ފެނިގެން ގޮސްފަ އެވެ. އެހެންކަމުން ބެލުންތެރިން މިހާރު ތިބެނީ އޭނާގެ ތަފާތު ރޯލުތައް ބަލައިލުމަށް ކެތްމަދުވެފައެވެ.

ނަމަވެސް ރާޖްކުމާރުގެ ވިސްނުން މިހާރު އަންނަނީ ކެމެރާގެ ފުރަގަހަށް ބަދަލުވަމުންނެވެ. ކައިރި މުސްތަގުބަލެއްގައި ފިލްމު ޕްރޮޑިއުސްކުރަން އޭނާ ބޭނުންވެއެވެ.

"ފިލްމެއް ޕްރޮޑިއުސްކުރަން ބޭނުންވާ ހުރިހާ އާލާތްތަކެއް ހަމަވުމުން ފިލްމު ޕްރޮޑިއުސްކުރަން ބޭނުން. އޭރުން އަހަރެން ކިޔައިދޭން ބޭނުންވާ ބައެއް ވާހަކަތައް ބެލުންތެރިންނާ ހަމައަށް ގެނެސްދެވޭނެ،" ރާޖްކުމާރު ބުންޏެވެ.

ނަމަވެސް ފިލްމު ޕްރޮޑަކްޝަނަށް ދުވަސް އެބައޮތެވެ. ރާޖްކުމާރު މިހާރު އުޅެނީ ކެމެރާގެ ކުރިމަތީގައި މާ ބުރަކޮށެވެ. މި މަހު 31 ގައި "ސްޓްރީ" ރިލީޒް ކުރަން ހަމަޖެހިފައި ވާއިރު އޭގެ ފަހުން "މެންޓަލް ހޭ ކިޔާ" ގެ ޕްރޮމޯޝަން މަސައްކަތްވެސް ފަށާނެއެވެ.

އަދި ސެޕްޓެމަބަރު މަހުގެ ތެރޭގައި "މޭޑް އިން ޗައިނާ"ގެ ޝޫޓިން ފަށަން ހަމެޖެހިފައި ވާއިރު، އަހަރުގެ ފަހުކޮޅު ފިލްމު "އިމްލީ"ގެ މަސައްކަތް ވެސް ފަށާނެއެވެ.

ރާޖްކުމާރު އެންމެ ފަހުން ފެނިގެން ދިޔައީ އައިޝްވާރްޔާ ރާއީ ބައްޗަން އަދި އަނިލް ކަޕޫރު އާއެކު ފިލްމު "ފަންނޭ ޚާން" އިންނެވެ.

comment ކޮމެންޓް