ޔޫރަޕްގައި އުފަންވާ 43 ޕަސެންޓް ކުދިންނަކީ ނަހަލާލު ކުދިން: ތަފާސް ހިސާބު

ބްރަސަލްސް (10އޮގަސްޓް) ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކުގައި އުފަންވާކުދިންގެ ތެރެއިން 43 ޕަސެންޓް ކުދިންނަކީ ނަހަލާލު ކުދިންކަން ޔޫރަޕިޔަން ސްޓެޓިސްޓިކްސް އޮފީސް އިން ހާމަކޮށްފި އެވެ.

އެއޮފީހުން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން ޔޫރަޕްގެ ގައުމުތަކުގައި ނަހަލާލުކުދިން އުފަންވުމަކީ މައްސަލައެއް ކަމަށް އެ ގައުމުތަކުގެ އާންމުން މިހާރު ނުދެކޭ ކަމަށާއި 2017 ވަނަ އަހަރު އުފަންވިކުދިންގެ ތެރެއިން 43 ޕަސެންޓް ކުދިންނަކީ ކައިވެނިން ބޭރުގައި އުފަންވެފައިވާ ނަހަލާލު ކުދިން ކަމުގަ އެވެ. މިގޮތަށް އުފަންވާ ކުދިންނަކީ ނަހަލާލު ކުދިންގެ ގޮތުގައި ޔޫރަޕްގައި ސިފަކުރި ދުވަސްވަރެއް ދިޔަ ނަމަވެސް މިހާރު މިއީ އެފަދަކުދިން ކަމަށް ޔޫރަޕްގައި ނުދެކޭ ކަމަށް ވެސް އެތަފާސް ހިސާބާއެކު ނެރުނު ރިޕޯޓް ބުނެ އެވެ.

ދެހާސް ވަނަ އަހަރަށް ފަހު ކައިވެނިން ބޭރުގައި އުފަންވާ ކުދިން ޔޫރަޕްގައި އިތުރުވެފައި ވަނީ 15 ޕަސެންޓް ރޭޓުންނެވެ. އަދި 2025 އަށް ދާއިރު ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކުގައި އުފަންވާކުދިންގެ ތެރެއިން 65 ޕަސެންޓް ކުދިންނަކީ ކައިވެނިން ބޭރުގައި އުފަންވާ ނަހަލާލު ކުދިންނަށް ވެގެންދާނެކަމަށް ޔޫރަޕްގެ އާބާދީއާބެހޭ ޕްރޮޖެކްޝަންތައް ބުނެއެވެ. އަދި ބައެއް މީހުން ކައިވެނި ނުކޮށް ދެމަފިރިންގެ ގޮތުގައި މުޅި އުމުރު ވެސް ހޭދަކުރެ އެވެ.

ޔޫރަޕަށް ބަލާއިރު ކައިވެނިން ބޭރުގައި އުފަންވާ ކުދިންގެ ރޭޓް އެންމެ މަތީ ފަރަންސޭސިވިލާތުގަ އެވެ. އެއީ 60 ޕަސެންޓެވެ. ދެން ކައިވެނިން ބޭރުގައި އުފަންވާ ކުދިންގެ ރޭޓް އެންމެ މަތީ މިލިޔާ ތަރުތީބުންނެވެ. ބަލްގޭރިޔާ 59 ޕަސެންޓް ސޮލޮވޭނިޔާ 59 ޕަސެންޓް އިސްޓޯނިޔާ 56 ޕަސެންޓް ސްވިޑްން 55 ޕަސެންޓް ޑެންމާކް 54 ޕަސެންޓް ޕޯޗްގަލް 53 ޕަސެންޓް އަދި ނެދެލޭންޑްސް 50 ޕަސެންޓް އެވެ. ނަމަވެސް ގްރީސް އާއި ކްރެވޭޝިޔާގައިވަނީ ކައިވެނިން ބޭރުގައި އުފަންވާ ކުދިންގެ ރޭޓް ކުރިޔާއަޅާބަލާއިރު ދަށަށްދާން ފަށައިފަ އެވެ.

ޔޫރަޕްގައި ފަހަކަށް އައިސް ގިނަ ބަޔަކު ކައިވެނި ކުރަނީ ރަށްޓެހިވެ އެއަށް ފަހު ދެމަފިރިންގެ ގޮތުގައިއުޅެ ދަރިން ލިބޭފަހުންނެވެ. ޔޫރަޕްގައި މިގޮތަށް ދިމާވަނީ ދީނީ އަދި ސަގާފީ ހުރިހާ ރެސްޓްރިކްޝަންތަކުން އެއްކިބާވުމުގެ ލެބެރަލް ފިކުރު ފެތުރެމުން ދިޔުމުންނެވެ. މިކަމުގެ ސަބަބުން ޔޫރަޕަށް ކުރިމަތިވަމުންދާ އިޖްތިމާއީ މައްސަލަތައް ވެސް އިންތިހާއަށް ބޮޑެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް