105 ދިރާސާއާއެކު އެމްއެންޔޫ ތެވެލި ކޮންފަރެންސް އާދިއްތަ ދުވަހު ފަށަނީ!

އެމްއެންޔޫއިން މިދިޔަ އަހަރު ބޭއްވި ތެވެލި ކޮންފަރެންސްގެ ތެރެއިން-- ފޮޓޯ: އެމްއެންޔޫ

ރާއްޖޭގައި ދިރާސާތައް ކުރުން އިތުރުކޮށް ދިރާސާ ކުރާ މާހައުލެއް ގާއިމުކުރުމުގެ ގޮތުން ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ބާއްވަމުން އަންނަ ތެވެލި ކޮންފަރެންސް މިއަހަރު 105 ރިސާޗް ޕޭޕާސް ނުވަތަ ދިރާސާއާއެކު އަންނަ އާދިއްތަ ދުވަހު ފަށާ ގޮތަށް ނިންމައިފިއެވެ.

މިއީ އެމްއެންޔޫއިން ތެވެލި ކޮންފަރެންސް ބާއްވާ ދެވަނަ ފަހަރެވެެ. އެމްއެންޔޫއިން އެންމެ ފުރަތަމަ ތެވެލި ކޮންފަރެންސް ބާއްވައިފައިވަނީ މިދިޔަ އަހަރުއެވެ.

އެމްއެންޔޫގެ ޑީން އޮފް ރިސާޗް ޑރ. ރަހީމާ އަބްދުލްރަހީމް "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަހަރުގެ ކޮންފަރެންސްގައިވެސް ރާއްޖެއިން ގިނަ އަދަދެއްގެ ދިރާސާތައް ހުށަހަޅާނެ ކަމަށެވެ.

"މި އަހަރުގެ ކޮންފަރެންސްގައި ރާއްޖޭގެ 55 ބޭފުޅަކު ދިރާސާ ހުށަހަޅާނެ. އަދި ރާއްޖެއިން ބޭރުން 50 ބޭފުޅުން ދިރާސާ ހުށަހަޅާނެ،" ޑރ. ރަހީމާ ވިދާޅުވިއެވެ.

ޑރ. ރަހީމާ ވިދާޅުވީ މިއަހަރުގެ ކޮންފަރެންސްގައި ރާއްޖެއިން ބޭރުގެ ފުންނާބު އުސް ހަތަރު ބޭފުޅަކު ހަތަރު ކީ ނޯޓް ސްޕީޗް ދެއްވާނެ ކަމަށެވެ. އެއީ އޮސްޓްރޭލިއާގެ ދެ ބޭފުޅަކާއި ނިއުޒީލެންޑްގެ ބޭފުޅެއްގެ އިތުރުން މެލޭޝިއާގެ ބޭފުޅަކު ހިމެނިވަޑައިގެންނަވައެވެ.

މިއަހަރުގެ ކޮންފަރެންސްގައި ތައުލީމާއި، ސިއްހަތާއި ބިޒްނަސްއާއި ޓުއަރިޒަމް އިތުރުން އިސްލާމިކް ޝަރީއާފަދަ ދާއިރާތަކުން ދިރާސާތައް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޑރ. ރަހީމާ ވިދާޅުވިއެވެ.

comment ކޮމެންޓް