ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތިލި ކެންޑިޑޭޓުގެ ފޯމު ބާތިލުކޮށްފި

ރައީސް ކަމަށް ފޯމު ހުށަހެޅުއްވި ނަސީރު: އޭނާގެ ފޯމް އީސީން ވަނީ ބާތިލް ކޮށްފައި ---

ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ފޯމު ހުށަހެޅި ހުސައިން ނަސީރު، މާލެ، ދަފްތަރު 6562، ގެ ކެންޑިޑެސީ އިލެކްޝަން ކޮމިޝަނުން ބަލައިނުގަތުމަށް ނިންމައިފިއެވެ.

އިލެކްޝަން ކޮމިޝަނުގެ ތަރުޖަމާނު އަދި މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ ހުސައިން ނަސީރުގެ ފޯމު ބާތިލުކުރީ އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ ހުށަހަޅަންޖެހޭ 1،500 މީހުންގެ ސޮއިގައި މައްސަލަތަކެއް ހުރުމުގެ އިތުރުން ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ދާއިމީ އެޑްރެސްގައި މައްސަލަތަކެއް ހުރުމުން ކަމަށެވެ.

އޭގެ އިތުރުން ނަސީރުގެ ރަނިން މޭޓެއްގެ ގޮތުގައި ހުށަހެޅި ޝައިޚު ނަސްރުﷲ މުސްތަފާގެ ކުށުގެ ރިކޯޑްގައި ވެސް މައްސަލަތަކެއް ހުރިކަން އަކްރަމް ފާހަގަކުރެއްވިއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހަވީރު 4:00 ޖަހާއިރަށް ހަމަވާއިރު، އިންތިހާބުގައި ވާދަކުރަން ނަސީރު ބޭނުން ނަމަ އިލެކްޝަނުން ފާހަގަކުރި ކަންކަން އިސްލާހުކޮށް، މިއަދު ހަވީރުގެ ކުރިން ހުށަހަޅަން ޖެހެއެވެ.

މިހާތަނަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވީ ނަސީރުގެ އިތުރުން އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާއި ވެރިކަން ކުރާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އިބޫގެ ކެނޑިޑެންސީ އިލެކްޝަނުން ގަބޫލުކޮށްފައިވާއިރު އިއްޔެ ހެނދުނު ފޯމު ހުށަހެޅި ރައީސް ޔާމީންގެ ކެންޑިޑެންސީއާ ގުޅޭ ގޮތުން މާދަމާ 10:30ގެ ކުރިން ގޮތެއް ނިންމަން ޖެހެއެވެ.

އަމިއްލަ ގޮތުން ވާދަކުރާނެ ކަމަށް އިއުލާނުކޮށްފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވާދަކުރަން ފޯމު ހުށަހަޅަން ބޭނުންވާ އަދަދަށް މީހުންގެ ސޮއި ހަމަކޮށްފައެވެ. ބެލެވޭ ގޮތުގައި މިއަދު މެންދުރުފަހު އުމަރު ނަސީރު ވެސް ފޯމު ހުށަހަޅުއްވާނެއެވެ.

comment ކޮމެންޓް