ސަންއާ (އޮގަސްޓު 10): ޔަމަނުގެ ސްކޫލު ބަހަކަށް ސައުދީ އަރަބިއާ އިސްވެ އޮންނަ ކޯލިޝަނުން ދިން ކަމަށް ބެލެވޭ ހަމަލާއެއްގައި 29 ކުޑަކުދިން މަރުވެއްޖެއެވެ.
ރެޑް ކްރޮސްއިން އިއްޔެ ބުނި ގޮތުގައި އެ ހަމަލާ ދިނީ ޔަމަނުގައި ހޫޘީންގެ ބާރުގެ ދަށުގައި އޮތް ސާދާ ޕްރޮވިންސުގެ މާރުކޭޓެއް ކައިރިން ބަސް ދުއްވާފައި ދަނިކޮށެވެ. ސާދާ އޮންނަނީ ޔަމަނާއި ސައުދީ އަރަބިއާ ގުޅޭ ބޯޑަރު ކައިރީގައިއެވެ.
ރެޑް ކްރޮސްގެ ޓުވީޓުތަކުގައިވާ ގޮތުން އެ ހަމަލާއަށް ފަހު އެޖަމިއްޔާއާ ގުޅުން ހުރި ހޮސްޕިޓަލަކަށް ވަނީ 29 ކުދިންގެ ހަށިގަނޑު ގެންގޮސްފައެވެ. އަދި އެ ހުރިހާ ކުދިންނަކީވެސް 15 އަހަރުން ދަށުގެ ކުދިންނެވެ.
މީގެ އިތުރުން އެ ހަމަލާގައި 48 މީހަކަށް އަނިޔާވި ކަމަށާއި އޭގެ ތެރޭގައި 30 ކުޑަކުދިން ހިމެނޭ ކަމަށްވެސް އެޖަމިއްޔާއިން ބުންޏެވެ.
ޔަމަނުގައި ހުންނަ ރެޑް ކްރޮސްގެ ޑެލިގޭޝަނުން ފަހުން ކުރި ޓުވީޓުތަކެއްގައިވާ ގޮތުން އެ ހަމަލާގައި މަރުވި މީހުންގެ އަދަދު 50 އަށް އަރައެވެ. އަދި އަނިޔާވި މީހުންގެ އަދަދު 77 އަށް އަރައެވެ.
ސައުދީ ކޯލިޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން އިއްޔެ ސާދާއަށް ދިން ހަމަލާތައް އަމާޒު ކުރީ އެސަރަހައްދުގައި ހުރި މިސައިލް ލޯންޗު ކުރާ އާލާތްތަކަށެވެ. އަދި އެއީ ބައިނަލްއަގުވާމީ އަދި އިންސާނިއްޔަތުގެ ގާނޫނުތަކާ ހިލާފު ނުވާ ގޮތަށް ދިން ހަމަލާއެއް ކަމަށް ބުނެފައެވެ.
ޔަމަނުގައި މީގެ ކުރިން އޮތް އަބްދުއްރައްބު މަންސޫރު ހާދީގެ ސަރުކާރު ހޫޘީ ހަނގުރާމަވެރިން ވައްޓާލުމާ ގުޅިގެން އެސަރުކާރު އިޔާދަކުރުމަށް ސައުދީ އަރަބިއާ އިސްވެ އޮންނަ ކޯލިޝަނަކުން ޔަމަނަށް ހަމަލާދޭން ފެށީ 2015 ވަނަ އަހަރެވެ. އެހަމަލާތަކުގައި ޔަމަނުގެ 10،000 އަށްވުރެ ގިނަ މީހުން މަރުވެ، 40،000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް އދއިން ބުނެއެވެ.
(އަލްޖަޒީރާ)