މަރަދޫ އެމްޑީޕީ ޖަގަހައަށް ގެއްލުންދީ މާރާމާރީ ހިންގައިފި

މަރަދޫގައި ހުންނަ އެމްޑީޕީ ޖަގަހައަށް ބަޔަކު ގެއްލުން ދީފައި ---

އައްޑޫ ސިޓީ މަރަދޫ ބޮޑު މަގުގައި ހުންނަ އެމްޑީޕީގެ ޖަގަހައަކަށް ބަޔަކު ވަދެ އެތަނަށް ގެއްލުންދީ މާރާމާރީ ހިންގައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މަރަދޫ ދާއިރާގެ ކައުންސިލަރު ފައިސަލް އިބްރާހިމް 'ސަން' އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ މިރޭ 11:30 އެހައިކަންހާއިރު ކަމަށާއި ގެއްލުން ދީފައިވަނީ ކުރިއަށް މިއޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ހުޅުވާފައިވާ 'އެމްޑީޕީ މަރަދޫ ޒުވާނުންގެ ޖަގަހަ' އަށް ކަމަށެވެ.

މަރަދޫގައި ހުންނަ އެމްޑީޕީ ޖަގަހައަށް ބަޔަކު ގެއްލުން ދީފައި ---

ހަ މީހުންގެ ގްރޫޕުން ޖަގަހައިގެ ބިއްލޫރިތައް ތަޅާލައި ޖަގަހައިގެ އެތެރޭގައި ހުރި ސައުންޑް ސިސްޓަމުގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކަށް ވެސް ގެއްލުން ދީފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ. އެ މީހުން ޖަގަހައަށް ވަނީ ލަޓިބުރިއާއި ދަގަނޑުބުރިތައް ހިފައިގެން ކަން ފައިސަލް ވިދާޅުވިއެވެ.

"ޖަގަހައިގައި އޭރުގައި ތިބީ ވަރަށް މަދު ބަޔަކު. އެ މީހުން ވަނީ ޖަގަހައިގެ ތެރޭގައި ހުރި ބައެއް މީހުނަށް ވެސް ދަގަނޑުބުރިން ހަމަލާދީފައި. ބައެއް މީހުންގެ ބޯ ފަޅައިގެން ދިއުމުގެ ސަބަބުން ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައި،" ފައިސަލް ވިދާޅުވިއެވެ.

މަރަދޫގައި ހުންނަ އެމްޑީޕީ ޖަގަހައަށް ބަޔަކު ގެއްލުން ދީފައި ---

އެ ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުރި އިރު ޖަގަހައަށް ގެއްލުން ދިން މީހުން ކެމެރާއަށް އަރާފައި ހުންނާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޖަގަހައަށް ފުލުހުން އައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

comment ކޮމެންޓް